19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ 2019 މެއި 28 ވާ އަންގާރަ ދުވަހުގެރޭ އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެ ރޭ 10:30 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސަކަށް ތާއީދު ކުރައްވަނީ ކޮން ބޭފުޅަކަށްތޯ ނޫސްވެރިއަކު ދެންނެވުމުން، ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅެއް ނޫން ކަމަށާއި، އަފީފްއާ އެކު މަޖިލީހުގައި މަސައްކަތްޕުޅު ކުރައްވާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް އެންމެ އެކަށީގެންވަނީ އަފީފް ކަމަށެވެ.
ރައީސް ސޯލިހް އަފީފަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ތާއީދު ކުރާކަން ހާމަކޮށްފައިވާ އިރު ކުރީގެ ރައީސް ނަޝީދު ތާއީދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް ކަމަށް ވާހަކަ ދެކެވެއެވެ.
އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވާނީ އެ ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބަކުންނެވެ. އެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.




