ބަންޑާރަނައިބު އިބްރާހީމް ރިފްއަތު - ފޮޓޯ: ސަން

ޖީއެމްއާރުން ޓެކްސް ދޭކަށް ނުޖެހޭ، ޒިންމާ ނަގަންޖެހޭނީ ދިވެހި ސަރުކާރުން - އޭޖީ

ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގި އިންޑިއާގެ ޖީއެމްއާރު އިން ޓެކްސް ދައްކަން ނުޖެހޭ ކަމަށާއި، ޓެކްސް ދައްކަން ޖެހިއްޖެ ހާލަތެއްގައި އެފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ލަފާދެއްވައިފިއެވެ.

އޭޖީ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ޖީއެމްއައިއޭއެލް އަށް ދައްކާފައިވާ އާބިޓްރޭޝަން އެވޯޑްގެ ފައިސާއިން ޓެކްސް ނެގުމާ ގުޅޭގޮތުން ލަފަޔަކަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން 2019 ޖަނަވަރީ 10 ވަނަ ދުވަހު އޭޖީ އޮފީހުގައި ލަފަޔަކަށް އެދުމާއި ގުޅިގެން މީރާއަށް ޤާނޫނީ ލަފާ ދެއްވާފައިވާ ކަމަށެވެ.

ޖީއެމްއާރު ޓެކްސްގެ މައްސަލައިގައި އޭޖީ އޮފީހުން މީރާއަށް ޤާނޫނީ ލަފާ ދެއްވި ކަމަށް އެ އޮފީހުން ވިދާޅުވެފައި މިވަނީ، އެޓަރނީ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅުންހުރި އެއްވެސް ކަމެއް ނިންމަވާފައި ނުވާނެކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތް ވިދާޅުވެފައި ވަނިކޮށެވެ.

ޖީއެމްއާރުން މާލެ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އުފެއްދި ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއަޕޯޓު ލިމިޓެޑް (ޖީއެމްއައިއޭއެލް) އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު ރާއްޖެއިން ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު މީރާއިން ވަނީ ޖީއެމްއާރުން ޓެކްސްގެ ގޮތުގައި ދައުލަތަށް 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (300 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އަންގައިފައެވެ.

އޭޖީގެ ބަޔާނުގައި ވިދާޅުވީ، އާބިޓްރޭޝަންގެ ނިންމުން ދިވެހި ސަރުކާރާއި އެމްއޭސީއެލްގެ ފަރާތުން ޤަބޫލުކޮށް، އެ އެވޯޑުގައިވާ އަދަދަށް ޖީއެމްއައިއޭއެލްއަށް 2016 ނޮވެމްބަރު 15 ގައި އެމްއޭސީއެލް އިން ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އަދި އެ ފައިިސާއިން އެއްވެސް ޓެކްސް އެއް ދައްކަން ނުޖެހޭނެކަމަށް ފައިސާ ދެއްކިއިރު އެމްއޭސީއެލް އިން ބުނެފައިވާ ކަމަށްވެސް އޭޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

"އާބިޓްރޭޝަނުގެ ފައިނަލް އެވޯޑްގެ ފައިސާއިން އެއްވެސް ޓެކްސް އެއް ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން މަޢުލޫމާތު ދީފައިވާތީ، އެވޯޑްހެ ފައިސާއިން އެއްވެސް ޓެކްސްއެއް މީރާއަށް ދައްކަން ނުޖެހޭނެކަމުގެ ޔަޤީންކަން ދެމެވެ." 2016 ވަނަ އަހަރު ޖީއެމްއާރަށް ފައިސާ ދައްކަމުން އެމްއޭސީއެލް އިން ފޮނުވި ސިޓީގައި ބުނެފައިވާކަމަށް އޭޖީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އިސްވެ ދެންނެވުނު ކަންކަމަށް ރިއާޔަތްކުރާއިރު، ޖީއެމްއައިއޭއެލް އަށް ދައްކާފައިވާ އާބިޓްރޭޝަން އެވޯޑްގެ ފައިސާއަކީ ޓެކްސް ދައްކަންޖެހޭ ފައޮސެއްކަމަށް މީރާއިން ނިންމާ ހާލަތެއްހައިވެސް، އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި އެމްއޭސީއެލް އިން ކުރަންޖެހޭ ކަމެކެވެ." އޭޖީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް