ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލޯންޗަކުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، އދ. އަތޮޅަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު މާލޭ ފަޅުން ފުރަން ތައްޔާރުވެފައި އޮތް ލޯންޗަކުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން އދ. އަތޮޅަށް ފުރާ ފެރީ ލޯންޗަކުން އެއަތޮޅަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 21 ވަނަ ދުވަހުގެ 14:32 ހާއިރު ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެ ލޯންޗުގައި މިމީހާ އިން ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ޖޫސް ޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓަކާއި، އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާއިރު، ފުލުހުންގެ ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުން މި މައްސަލަ ދަނީ ތަޙްޤީގު ކުރަމުންނެވެ.

މައްތުވާތަކެތީގެ މައްސަލަތަކުގައި ރާއްޖޭގެ ކަންކޮޅުތަކުން ގިނަ ބަޔަކު ދަނީ ހައްޔަރުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ