އަލްޖަޒީރާގެ ނޫސްވެރިޔާ މަހުމޫދު ހުސައިން

އަލްޖަޒީރާގެ ނޫސްވެެރިޔާ މިނިވަންކުރަން މިސްރުގެ ކޯޓުން އަމުރުކޮށްފި

އަލްޖަޒީރާގެ ނޫސްވެރިޔާ މަހުމޫދު ހުސައިން މިނިވަންކުރަން މިސްރުގެ ކޯޓަކުން އަމުރުކޮށްފިއެވެ.

މަހުމޫދު ހުސައިން އަކީ އަލްޖަޒީރާގެ ޕުރޮޑިއުސަރެކެވެ. މިސްރުގެ ސަރުކާރުން މަހުމޫދު ހުސައިން ހައްޔަރުކޮށްފައިވަނީ ހަމަނުޖެހުން އުފެއްދުމުގެ މަގުސަދުގައި ދޮގު ޚަބަރު ފެތުރުމުގެ ކުށުގައި 2016 ވަނަ އަހަރުގައެވެ. މިއަދާއި ހަމައަށް މަހުމޫދު ހުސައިން ބަންދުގައި ހުރީ އެއްވެސް ދައުވާއެއް ކުރަން ކޯޓަށް ނުގެންގޮހެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މަހުމޫދު ހުސައިން ދޫކޮށްލުމަށް މިސްރުގެ ކޯޓަކުން އަމުރު ކުރުމުން މިސްރުގެ ޕްރޮސިކިއުޓަރުންވަނީ މައްސަލަ އިސްތިއުނާފް ކުރުމަށް ބުރާސްފަތި ދުވަހު އެހެން ކޯޓަކަށް ހުށަހަޅައިފައެވެ. ނަމަވެސަ ފަހުން މައްސަލަ ހުށަހެޅި ކޯޓުންވެސް އަމުރުކޮށްފައިވަނީ ދޫކޮށްލުމަށެވެ.

ކޯޓުން ދޫކޮށްލުމަށް އަމުރުކޮށްފައި ވީނަމަވެސް މަހުމޫދު ހުސައިން ދޫކޮށްލާނެ ވަކި ދުވަހެއް ނޭންގެއެވެ. މަހުމޫދު ހުސައިންގެ ވަކީލު ބުނެފައިވަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަރަބިކް ނެޓްވޯކް ފޯރ ހިއުމަން ރައިޓްސް އިންފޮމޭޝަންގެ އެގްޒެކިއުޓިވް ޑައިރެކްޓަރ ގަމަލް އީދާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ، ކޯޓު އަމުރުކުރާތާ 24 ގަޑި އިރުގެ ތެރޭގައި ދޫކޮށްލަން ޖެހޭނެ ކަމަށާއި ނަމަވެސް މިސުރުގެ ސަރުކާރުން ދޫކޮށްލަން ބޭނުން ނުވާ ފަރާތެއް ނަމަ ދޫކޮށްލުން ލަސްކުރާ ކަމަށެވެ.

ގަމަލް އީދު އިތުރަށް ބުނެފައިވަނީ، މިސްރުގެ ޖަލުތަކުގައި ދައުވާއެއް ނުކޮށް ސިޔާސީ ބޭނުމަށްޓަކައި 20،000 ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ