ޗާގޯސް އައިލަންޑް (ފޯޅަވަހި) ގެ ހަޤީޤީ އަހުލުވެރިންކަމަށްވާ މޮރިސަސްގެ ރައްޔިތުންނަށް އެތަން ދިނުމާ ދެކޮޅަށް އ.ދ ގައި ރާއްޖެއިން ވޯޓް ދީފައިވާތީ އެކަން އިދިކޮޅު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުށްވެރިކޮށްފިއެވެ.
ޕީޕީއެމް އިން ވިދާޅުވީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފޯޅަވައްސަކީ މޮރިސަސްގެ ރައްޔިތުންގެ ތަނެއްކަމަށާއި، އިނގިރޭސިވިލާތުން އެބިން އަތުލައިގެން އުޅެނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމުގައި ނިންމާފައިވަނިކޮށް، އދ ގައި ނެގުނު ވޯޓުގައި ރާއްޖެއިން އެ ނިންމުމާ ދެކޮޅަށް ވޯޓުދިން ދިނުން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
"މިޕާޓީން ދެކޭގޮތުގައި މިއީ ދުނިޔޭގެ މައި ކޯޓުގެ ނިންމުމަކާ ދެކޮޅަށް އަދި މޮރިސަސްގެ ރައްޔިތުންގެ އަންސާނީ ޙައްޤުތައް ގެއްލޭނެ ގޮތުގެ މަތިން، ރާއްޖެއިން ކޮށްފައިވާ ޢަމަލެއް. އދ ގެ އެތައް ސަތޭކަ ޤައުމާ އިދިކޮޅަށް އެންމެ 6 ޤައުމު ވޯޓު ދިންއިރު، އެ 6 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނުކަމީ، ދުނިޔޭގެ ތަރައްޤީއާއި ތަމައްދުނުގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކުވައިދޭ އިސްތިއުމާރަށް ކުރާ ތާއީދު ހާމަކޮށްދޭ ޢަމަލެއް." ޕީޕީއެމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ދިވެހި ހާރިޖީ ޒުވާޒާއިން މީޑިއާގައި ވިދާޅުވި ވިދާޅުވުންވެސް ޕީޕީއެމް އިން ވަނީ ދޮގުކޮށްފައެވެ.
"މިއީ ރާއްޖޭގެ ސަރަހައްދުގެ ބައެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތްކުރަން ނިންމި ނިންމުމެއްކަމުގައި ބުނެފައވީ ނަމަވެސް، މިއީ މިކަން އޮތް ގޮތް ނޫންކަމަށާއި،މި މައްސަލައިގެ ޙަޤީޤަތް ދިވެހި ރައްޔިތުންނަށް އޮޅުވާނުލައްވައި، ސާފުކޮށްދެއްވައި، މިކަމުގައި ޢަމަލުކުރައްވާފައިވާ ގޮތާމެދު ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް މިޕާޓީން ގޮވާލަން." ޕީޕީއެމް އިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުން ލިބޭ ސަރަހައްދު ކަށަވަރު ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.