އަދިވެސް ފުރުޞަތު އެބައޮތް، ފަހު ދިހައެއްގައި ހެޔޮ ޢަމަލު ގިނަކުރައްވާ!

ރަމަޟާން މަހަކީ ހެޔޮކަމުގެ މައްސަރެކެވެ. އިސްލާހުވުމަށް އޮތް ރަނުގެ ފުރުޞަތެކެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދޭނަމަ ބަރަކާތްތެރި ރަމަޟާން މަހު ހެޔޮ ޢަމަލު ކުރުމުގައި ދެމިހުންނާނެއެވެ. ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައެއް ބޯމަތިވިއިރުވެސް އެދެވޭގޮތުގައި ދުވަސްތައް ހޭދަ ނުކުވުނު ނަމަވެސް އަދިވެސް ރަނުގެ ފުރުޞަތެއް އެބައޮތެވެ.

އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، އެންމެ އެދެވޭ ގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ނުކުރެވުނު މީހުންނަށްވެސް "ރަމަޟާން މަހުގެ ފަހު ދިހައަކީ ރަނުގެ ފުރުޞަތެއް" ކަމަށެވެ.

"ފަހު ދިހައިގައި ހެޔޮ ޢަމަލު ގިނަކޮށްގެން ލައިލަތުލްޤަދްރިވިލެރޭގެ ސަވާބު ލިބިގެންފި މީހަކަށް އެލިބުނީ އެމީހެއްގެ ޙަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބު. އެރޭ ﷲ ތައާލާ އެއްކައުވަންތަކުރާ ޙާލު، އެއިލާހުގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އަޅުކަން ކޮށްފިމީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދެއްވާފައި." ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"ތިޔަބައިމީހުން ރޯދަމަހުގެ ފަހުދިހައިގެ އޮނަހިރު ރޭތަކުން ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނާށެވެ!" ލައިލަތުލްޤަދްރިވިލޭރެއާ ގުޅޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލްމް ކުރައްވާފައިވާ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދުގެ ޚުޠުބާގައި ވިދޅާޅުވެފައިވަނީ، ޖުމްހޫރު އިލްމުވެރިންގެ އަރިހުގައި ލައިލަތުލްޤަދްރިވިލޭރެއަކީ އެއްއަހަރުން އަނެއް އަހަރަށް ބަދަލުއަންނަ ރެއެއް ކަމަށާއި، އަބަދު އެއްރެއެއްގެ ގޮތުގައި ޘާބިތުވެ އޮންނަ ރެއެއް ނޫންކަމަށެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުގެ ތެރެއިން ލައިލަތުލްޤަދްރިވިލޭރޭ ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

"ފަހު ދިހައިގައި ހެޔޮ ޢަމަލުތައް ގިނަކުރާށެވެ! ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާކުރުމަށްފަހު، ރަވާތިބު ސުންނަތްތައްވެސް އަދާކުރެވޭތޯ ބަލާށެވެ. ޟުހާ ނަމާދާއި ތަރާވީޙު ނަމާދުގެ އިތުރުން ދަމުނަމާދާއި ރޭ އަޅުކަންވެސް ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ!އަދި ޤުރުއާން ކިޔެވުން ގިނަ ކުރުމަށާއި، ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނައި އޭގެ މާނައާ މެދު ފިކުރު ހިންގޭތޯ ބަލާށެވެ! ހުރިހާ ވަގުތެއްގައި ޛިކުރުކުރުމާއި، ފަޤީރުންނާއި މިސްކީނުންނަށް ޞަދަޤާތް ކުރުމަށް ސަމާލުވާށެވެ. ފަހު ދިހައިގައި އިއުތިކާފަށް އިނުމާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި އިޙްސާންތެރި ވާށެވެ!" ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ