އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުން ތެރެސާ މޭ އިސްތިއުފާ ދެއްވާނެކަން އެކަމަނާ ހާމަކުރައްވައިފި އެވެ.
ބޮޑުވަޒީރު މޭ އިސްތިއުފާ ދޭން ނިންމައިފައި މިވަނީ، އިނގިރޭސި ވިލާތް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ދިމާވި ގޮންޖެހުން ތަކާއި ގުޅިގެންނެވެ.
އިސްތިއުފާ ދެއްވަމުން، ބްރެކްޒިޓްގެ މައްސަލައަށް އިޝާރާތްކުރައްވައި މޭ ވިދާޅުވީ އޭނާއަށް ވެވުނު އެންމެ ރަނގަޅަށް އެ މަސައްކަތް ކުރިކަމަށެވެ.
"ތިން ފަހަރު އަޅުގަނޑު މަސައްކަތްކުރިން އެއްބަސްވުމަކަށް ދެވޭތޯ. އެހެން ނަަމަވެސް އަޅުގަނޑަށް އެކަމުގައި ވީ ނާކާމިޔާބު" މޭ ވިދާޅުވިއެވެ. އަދި އެގޮތަށް ނާކާމިޔާބުވުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށްވެސް މޭ ވިދާޅުވިއެވެ.
ތެރަސޭ މޭ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމާއި ހަވާލުވީ އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރޫން 2016 ވަނަ އަހަރު އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.




