ފަހުގެ ތާރީޚެއްގައި ހއ.އުލިގަމަށް ކުރި އެންމެ ވަރުގަދަ ވިއްސާރައިގައި ރޭ ހޮނުއެޅުމުގެ ސަބަބުން ލައްކައެއްހާ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ލިބުނުކަމަށް އެރަށު ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ.
އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު ވިދާޅުވީ، ހޮޅު އެޅިީ އެ ރަށު ދެކުނު ކޮޅުގައި ހުންނަ އުރީދޫ އެންޓަނާ އަށް ކަމަށާއި ދިހަ ވަރަކަށް ގެއިން އިލެކްޓްރޯނިކް ސާމާނު އެނދި ކަމަށެވެ. ބޮޑަށް ގެއްލުންވީ ހޮނު އެޅި އެންޓަނާ ހުންނަ ސަރަހައްދުގައި ހުރި ގެތަކުގައި ހުރި ސާމާނަށް ކަމަށާއި، ގިނަ ގެތަކުން ހަލާކުވެފައިވަނީ ޓީވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންޓެނާ ހުރި ސަރަހައްދުން ބޮޑަށް ގެއްލުނ ލިބުނު ނަމަވެސް، ރަށުގެ އެކި ސަރަހައްދުތަކުން ފަންކާ އާއި އޭސީ ފަދަ ތަކެއްޗަށް ގެއްލުން ލިބުނު ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ރޭ އެރަށަށް ކުރި ވިއްސާރައިގައި ކޮންމެސް ވަރަކަށް ފެންބޮޑުވި ކަމަށާއި، ނަމަވެސް ދަނޑު ބިންތަކަށް ލިބުނު ގެއްލުން އަދި ބުނަން ނޭނގޭކަމަށާއި، މިހާރު އެކަންކަންވެސް ބަލަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.
ގެއްލުންތަކުގެ ސަބަބުން އެ ރަށުގައި މޯބައިލް ފޯނުގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ. ޒިޔާދު ވިދާޅުވީ އެކަން ހައްލު ކުރަން ދިރާގުގެ ޓީމެއް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



