ދުބާއީ

ރާއްޖެއިން ދުބާއީ އަށް ދޮންވެލި ގެންދަން ހުއްދައެއް ނުދެން - އީޕީއޭ

ދިވެހިރާއްޖެއިން ދުބާއީއަށް ދޮންވެލި ގެންދަން ހުއްދަދީފައި ނުވާނެކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (ޢީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އީޕީއޭއިން މިހެން ވިދާޅުވެފައި މިވަނީ ލ އަތޮޅުގައި ވެލި ބަރުކޮށްފައި އޮތް ބާޖެއްގެ ވީޑިއޯ މީސްމީޑިއާގައި އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ.

ހިތަދޫ ކައިދޫ ކައިރީގައި ބަނދަރުކޮށްގައި އޮތް އެ ބޯޓުގެ ފަޅުވެރިޔަކާ ހަވާލާދީ މީސްމީޑިއާގައި އަޑު ފެތުރިފައިވަނީ، އެ ބޯޓު ބަރުކޮށް ވެލި ގެންދަނީ ދުބާއީއަށް ކަމަށާއި، އެއީ ބުރިޖް އެގްރީމެންޓުގެ ދަށުން ހިނގާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން އީޕީއޭ އިން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރަށް ވެލި ގެންދިއުމުގެ ހުއްދައެއް އީޕީއޭއިން ދީފައި ނުވާނެކަމަށް ކަށަވަރު ކޮށްދެއްވާ ކަމަށެވެ.

މި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމުން ބަލަމުންދާ ކަމަށާއި، އެއީ ތެދެއްނަމަ އެކަން ހުއްޓުވަން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ދޮންވެލި ގެންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، ލ.ގަމުން ގިނަ އަދަދެއްގެ ރުއް ބޭރުކުރާކަމުގެ ޝަކުވާތަކެއްވެސް މީސްމީޑިއާގައި މިއަދު ވަނީ ދައުރުވެފައެވެ. ނަމަވެސް އެމައްސަލައިގައި އީޕީއޭ އިން އަދި ބަސްފުޅެއް ވިދާޅެއް ނުވެއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަކީ އަދުގެ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ