ސީސީސީސީގެ އުޅަނދު ވެލިބަރުކޮށްގެން ދަތުރުކުރީ ހުއްދަނެތި، ހަރުކަށި ފިޔަވަޅު އަޅާނަން - ކަސްޓަމްސް

ސީސީސީސީގެ އުޅަނދު ވެލިބަރުކޮށްގެން ދަތުރުކޮށްފައިވަނީ ހުއްދަނެތި ކަމަށާއި، އެ މައްސަލައިގައި ސާމިލުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން މިރޭ މެންދަމު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރުގެ އުޅަނދެއް މާލެ ސަރަހައްދުން ވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދާކަމުގެ މަޢުލޫމާތު ކަސްޓަމްސް އަށް ލިބުމާއި ގުޅިގެން، ކޯސްޓްގާޑް އަދި ފުލުހުންނާ ގުޅިގެން އެމައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

"މި އުޅަނދަކީ ސިނަމާލެ ބުރިޖުގެ ޕްރޮޖެކްޓުގައި ބޭނުންކުރުމަށް ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއްކަމާއި، އަދި މިއުޅަނދު ދަތުރުކުރަމުންދަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތިކަން މިހާތަނަށް ބެލިބެލުމުން ވަނީ އެނގިފައި." ކަސްޓްމްސް އިން ވިދާޅުވިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، ރާއްޖޭގައި ހިންގާ އިޤްތިޞާދީ ބޮޑެތި ޕްރޮޖެކްޓްތަކަށް ގެނެވޭ މިފަދަ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދަނެތި އެހެން މަސައްކަތްތަކަށް ބޭނުންކުރުން މަނާތަކެތި ކަމަށެވެ. މިފަދަ އުޅަނދުފަހަރުގެ ކަންކަން ކަސްޓަމްސް އިން ބަލަހައްޓަނީ އެއުޅަނދަށް އައްޔަންކކުރެވޭ ކަސްޓަމްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ލޯކަލް އެޖެންޓް މެދުވެރިކޮށް ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

"މިހެންކަމުން މި މައްސަލަ ކަމާގުޅޭ މުއައްސަސާތަކާއި ގުޅިގެން ތަޙްޤީޤު ކުރަމުން ދާ ކަމަށާއި، މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު "ހަރުކަށި ފިޔަވަޅު" އަޅާނެކަން މިފުރުޞަތުގައި ފާހަގަކުރަން." ކަސްޓަމްސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިމައްސަލައިގައި އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މާލެ ސަރަހައްދުން ވެލިހިފައިގެން ހުވަދޫ އަތޮޅަށް ދަތުރު ކުރަމުންދާކަމަށް ބުނާ އުޅަދެއްގައި ހުރި ވެއްޔަކީ ގާނޫނާއި އެއްގޮތަށް ހުއްދަ ލިބިގެން ހޯދާފައިވާ ވެލިކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ