މުޖުތަމަޢުގައި ބަދުއަޚުލާޤީ އަމަލުތައް ގިނަވަމުންދާ ވާހަކައަކީ އަބަދުވެސް ހޫނުކޮށް ދެކެވެމުން އަންނަ ވާހަކައެކެވެ. ނަމަވެސް އެއްވެސް މީހަކު މުޖުތަމައުގައި ބަދުއަޚުލާޤީ އަމަލުތައް ގިނަވަމުން އަންނަނީ ކީއްވެގެންތޯ ވިސްނާލިބާއެވެ. މިކަމުގެ ޒިންމާ އުފުލަން ޖެހެނީ ކޮންބައެއްކަން އެނގޭބާއެވެ. ބެލެނިވެރިން ހެއްޔެވެ؟ ނުވަތަ ސަރުކާރުން ހެއްޔެވެ؟
ރާއްޖޭގައިވެސް ބަދުއަހުލާގީ އަމަލުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިކަމުގެ ޒިންމާ ނެގުމަށް އެކި މީހުން އިނގިލި ދިއްކުރަނީ އެކި މީހުންނަށެވެ. އަމިއްލަ ކުށް ގަބޫލުކުރުމަކީ ދިވެހިންގެ ގައިންނުފެންނަ ސިފައެއް ކަހަލައެވެ. އަމިއްލަ ކުށް އެއްފަޅީގައި އޮށްވާ އެހެން މީހުންގެ ކުށް ފާހަގަކޮށް އެވާހަކަ ދެއްކުން އެއީ އާންމުކަމެކެވެ. ބަދުއަޚުލާގީ އަމަލުތައް ގިނަވަނީ މުޖުތަމައުގައި އިސްލާމީ ރިވެތި އުސޫލުތަކަށް އަމަލުނުކުރާތީއެވެ.
މުޖުތަމައުގައި ބަދުއަހުލާގީ އަމަލުތައް ގިނަވެގެން މިދަނީ ބެލެނިވެރިންގެ ފަރުވާކުޑަކަމުންނޭ ބުނުމަކުން އެއީ މުޅިއެކުން ދޮގަކަށް ނުވާނެއެވެ. ސަބަބަކީ ރަނގަޅު ތަރުބިއްޔަތެއް ނުދީ ބެލެނިވެރިން އެމީހުން ދަރިން އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާތީއެވެ. ފިރިހެނުންނާއި ގައިގޯޅިވެ އުޅުމަކީ ކިހާ ގޯސް ކަމެއް ކަމާއި އަންހެން ކުދިންނަށް އެކުދިންގެ އިތްފަތްތެރިކަމަކީ ކިހާ މުހިންމު އެއްޗެއްކަން ބައެއް ބެލެނިވެރިންނަށް ބުނެނުދެވޭތީއެވެ. ދީނީ ތަރުބިއްޔަތު ރަނގަޅަށް ނުދެވޭތީއެވެ. އަހިވަކަކާއި ޖެހި އަހި ވަކެއް ފާވާނެކަން އެނގިހުރެ ނުރަނގަޅު ރަހުމަތްތެރިންނާއެކު އުޅުމަށް ދޫކޮށްލެވޭތީއެވެ. ދުނިޔޭގެ މަޖަލުގައި ޖެހި ދަރިން ދަނީ ކޮންތާކަށްތޯވެސް ބައެއް ބެލެނިވެރިން ބަލާނުލާކަމީ ލޯކުރިމަތިން ފެންނަން އޮތް ހަގީގަތެކެވެ. ޓިއުޝަނަށް ކަމަށްބުނެ ގެއިން ނިކުންނަ ކުއްޖާ އެބުނާ ޓިއުޝަނެއް ނަގަނީ ހޮޓެލް ތަކުގެ ކޮޓަރިތަކުގައި ނުވަތަ ކޮންމެސް މީހެއްގެ ސައިކަލް ފަހަތުގައި ކަމެއް ބެލެނިވެރިންނަކަށް ނޭނގެއެވެ. މިކަންތައްތައް މިގޮތަށް ވާން ދިމާވަނީ ބެލެނިވެރިން ފަރުވާ ކުޑަކޮށްލާތީއޭ ނުބުނެވޭނެ ހެއްޔެވެ؟
ބަދުއަޚުލާގީ އަމަލުތައް ގިނަވާ ވާހަކަ ދައްކާއިރު މިކަމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބުގެ ވާހަކަ ނުބުނެ ދޫކޮށްލެވޭކަށް ނެތެވެ. ބުނަން މިއުޅެނީ މިކަމުގައި ސަރުކާރުގެ ޒިންމާ ބޮޑުވާހަކައެވެ. ބަދުއަޚުލާޤީ އަމަލުތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ސަރުކާރުން ރަނގަޅު ޤާނޫނެއް އެކުލަވާލާފައި އެބައޮތް ތޯއެވެ؟ ޤާނޫނެއް އޮތަސް ހަމަ ގައިމުވެސް އެގާނޫނަށް އަމަލުކުރާ ތަނެއް ނުފެނެއެވެ. މިކަމުގެ ސަބަބުން ބަދުއަޙުލާޤީ އަމަލުފަދަ ކުއްތަކަށް އަރައިގަންނަ މީހުންނަށް އިތުރު ހިތްވަރެއް ލިބެއެވެ. އެފަދަ މީހުން ހައްޔަރުކޮށްގެން ގެންދާތާ މާގިނައިރެއް ނުވަތަ މާގިނަ ދުވަހެއް ނުވެ ދޫކޮށްލާނެ ކަމުގެ ޔަގީންކަން އެމީހުންނަށް އޮވެއެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް މިއަދު މި މުޖުތަމައުގައި ކަންހިނގަމުންދަނީ މިހެންނެވެ. މިއީ ރަނގަޅު ގާނޫނަކަށް އަމަލު ނުކުރެވުމުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ. މިކަމުގެ ޒިންމާ ސަރުކާރުގެ ބޮލުގައި ނޭޅޭނެތޯއެވެ؟
މުޖުތަމައު ހެޔޮމަގަށް އަޅުވައި އިސްލާހު ކުރުމަށްޓަކައި ބަދުއަޚުލާޤީ އަމަލުތައް ހުއްޓުވަންޖެހެއެވެ. ބަދުއަޚުލާޤީ އަމަލުތައް މެދުވެރިވުމަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަންޖެހެއެވެ. އެގޮތުން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހެއެވެ. ބެލެނިވެރިން ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ އެކުދިން އުޅޭ ގޮތް ގާތުން ބެލުން މުހިންމެވެ. އަދި ސަރުކާރުން އެފަދަ ކުށްތައް ކުރާ މީހުންނަށް އިސްލާމްދީން ބާރުއަޅާ ގޮތުގެ މަތިން ހައްޤު އަދަބު ދޭންޖެހެއެވެ. ރަނގަޅު ޖީލެއް ބިނާކޮށް މާދަމާގެ މުސްތަޤުބަލު އަލިކޮށް އުޖާލާކުރުމަށްޓަކައެވެ.



