ރާއްޖެ އެތެރެ ކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއަށް އެެތެރެ ކުރަން އުޅުނު 11.5 ކިލޯގެ މަސްތުވާތަކެތި އިންޑިއާގެ ކެރަލާގެ އަވަށަކުން އަތުލައިގެންފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެޤައުމުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައި ވަނީ 11.5 ކިލޯގެ ހަޝިޝް އޮއިލްއެވެ.

އެމައްސަލައިގައި އިންޑިއާގެ ތިން މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައިވާއިރު، އިންޑިއާ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ، ހައްޔަރު ކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މަނޫ ވިލްސަން ނަމަކަށް ކިޔާމީހަކާއި އުމުރުން 31 އަހަރުގެ އަންވަރު ސާދާތު ނަމަކަށް ކިޔާ މީހަކާއި އުމުރުން 28 އަހަރުގެ ރާޖްމޯހަން ކިޔާ މީހެއް ކަމަށެވެ. އަދި 31 އަހަރުގެ ދެމީހުންނަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ތިބި ދެމީހުން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި ތިން މީހުން ހައްޔަރު ކުރީ އަންދްރަ ޕްރަދޭޝް އިން މަސްތުވާތަކެތި ގަނެގެން އެތަކެތި ކެރަލާ އަށް ގެންދިޔަ ތަނުންނެވެ. އެމީހުން ހައްޔަރު ކުރީ މަސްތުވާތަކެތި އަރުވައިގެން ކާރު ދުއްވާފައި ދަނިކޮށެވެ. ތިން މީހުން ދުއްވި ކާރުގެ ތެރެއިން ވަނީ 2.5 ކިލޯގެ ގަންޖާ ވެސް ފެނިފައެވެ.

މީޑިއާ އަށް މައުލޫމާތު ދިން އިންޑިއާ ފުލުހުންގެ އޮފިސަރަކު ބުނެފައިވަނީ، އަތުލައިގަނެވުނު ހޭޝް އޮއިލް އަކީ ރާއްޖެ އަށް ވިއްކަން ގެންގުޅުނު ތަކެތި ކަމަށް ބެލެވޭ ކަމަށާއި، އެތަކެތި ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އަށް ގެންނަން ރާވާފައި އޮތް ކަމަށް ތުހުމަތުކުރެވޭ ކުރެއެވެ.

ނަމަވެސް މިމައްސަލައިގައި ދިވެއްސެއްގެ ބައިވެރިވުން އޮތްކަން އަދި ކަށަވަރެއް ނުވެއެވެ.

ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާ އިން އަތުލައިގެންފައި ވާއިރު ފަހަކަށް އައިސް ދިވެހި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި ވެސް އާދަޔާއި ހިލާފަށް ގިނައިން މަސްތުވާތަކެތި އަތުލައިގަންނަމުންދާ ކަން ފާހަގަ ކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ