ހުކުރު ދުވަހު ވެނެޒިއުލާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 29 ކުށްވެރިން މަރުވެ 19 ފުލުހުންނަށް އަނިޔާ ވެއްޖެއެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވީ ކުށްވެރިން ޖަލު ފަޅާލަން މަސައްކަތް ކުރަނިކޮށް އެކަން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުންނެވެ. ކުށްވެރިން ޖަލު ފަޅާލުމަށް ޓަކައި ގޮވާތަކެތީގެ ތިނެތި ގޮއްވާލައިފައި ވާއިރު މިކަން ހުއްޓުވުމަށްޓަކައި ފުލުހުންވަނީ ބަޑިން ހަމަލާ ދީފައެވެ.
ކުށްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުން ބުނެފައިވަނީ، މި ހަމަނުޖެހުންތަކާއި ގުޅިގެން މަރުވެފައިވަނީ 25 ކުށްވެރިން ކަމަށާއި އަދި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ޖަލަށް ޒިޔާރަތްކުރި މެހެމާނުންތަކެއް ޖަލުގެ ކުށްވެރިން ރަހީނު ކުރުމާއި ގުޅިގެން އެމީހުން ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ވެނެޒިއުލާގެ މި ޖަލަކީ 60 ކުށްވެރިންގެ ޖާގައިގެ ޖަލެކެވެ. ނަމަވެސް މި ޖަލުގައި 500 ކުށްވެރިން ބަންދުކޮށްފައި ވާކަމަށް ވެއެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ކުށްވެރިންނާއި މެދު ޖަލުގައި އަމަލުކުރާ އިހާނެތި ދަށު ދަރަޖައިގެ ގޮތުންކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ދެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން 2011 ވަނަ އަހަރުން ފެށިގެން މިހާތަނަށްވަނީ 400 އަށްވުރެ ގިނަ ކުށްވެރިން ވެނެޒިއުލާގެ ޖަލުތަކުގައި މަރުވެފައެވެ.



