މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މަލާވީގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓު އަލުން ގުނުމަށް މަލާވީގެ ހައިކޯޓުން އަމުރުކޮށްފިއެވެ.
މިގޮތަށް އަމުރު ކޮށްފައިވަނީ މަލާވީގެ އިދިކޮޅު ފަރާތްތަކުން، އިންތިހާބު އޮޅުވާލައިފައި ވާކަމަށް ބުނެ ހުށަހެޅި މައްސަލަ ތަކާއި ގުޅިގެންނެވެ.
މަލާވީގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ މަލާވީ ކޮންގުރެސް ޕާޓީ އިން މަލާވީގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފައިވަނީ އިންތިހާބު ކުރިޔަށް ދިޔަ 28 ދާއިރާގެ ތެރެއިން 10 ދާއިރާ އެއްގެ ނަތީޖާތައް އޮޅުވާލައިފައި ވާކަމަށް ބުނެއެވެ.
ހޮނިހިރު ދުވަހު ކޯޓުން ނެރުނު އަމުރުގައި ވަނީ، އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން މަޑުޖައްސާލާ އިންތިހާބުގައި ވާދަކުރި ޕާޓީތަކުގެ ހާޒިރުގައި ވޯޓުތައް އަލުން ގުނުމަށް އިންތިހާބާއި ބެހޭ ބޯޑުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
އިންތިހާބާ ބެހޭ ބޯޑަށް ހުށަހެޅުނު 147 ޝަކުވާ އަކާއި ގުޅިގެން އިންތިހާބު ބާއްވާތާ އަށްދުވަސް ތެރޭގައި ނަތީޖާ އިއުލާން ކުރަންޖެހޭ މި އިންތިހާބުގެ ނަތީޖާ އިއުލާންކުރުން މިދިޔަ ހުކުރު ދުވަހު ވަނީ ހުއްޓާލައިފައެވެ.