2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ ޕާޓީތަކަށް ދޫކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިނިސްޓްރީ އޮފް ފިނޭންސްގައި އެދެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އެ ހަތަރު ސިޔާސީ ޕާޓީއަކަށް ޖުމްލަ 26،278،073ރ (ސައްބީސް މިލިއަން ދެލައްކަ ހަތްދިހަ އަށްހާސް ހަތްދިހަ ތިންރުފިޔާ) ދޫކުރުމަށެވެ. ނަމަވެސް އީސީން ފިނޭންސްގައި އެދިފައިވަނީ އެ ޕާޓީތަކުގެ ޖޫރިމަނާއަށްވާ 155000ރ އުނިކުރުމަށް ފައިސާ ދޫކޮށްދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްދިނުމަށް ފިނޭންސްގައި އެދިފައިވަނީ، މޯލްޑިވިއަން ޑޮމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް) ގެ އިތުރުން މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ފައިސާ ދޫކޮށްދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މި ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމާފައިވަނީ އެ ޕާޓީތަކުގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ނިސްބަތަށް ބަލައިގެނެވެ. އެ އުޞޫލު ބަދަލުކުރުމަށް ވިސްނަމުންދާކަން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ނަމަވެސް މިއަހަރު އެ އުޞޫލެއް ބަދަލެއް ގެނެސްފައެއް ނުވެއެވެ.



