ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުންދާއިރު، މިއަހަރުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ދޫކުރަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަކުރި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ލިބެޖެހޭ ފައިސާ ދޫކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން މިވަނީ ފިނޭންސް މިނިސްޓަރީގައި ދަންނަވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ބަޖެޓުން އެމްޑީޕީއަށް ލިބެނީ 12،809،191ރ (ބާރަ މިލިއަން އަށްލައްކަ ނުވަހާސް ސަތޭކަ ނުވަދިހަ އެއްރުފިޔާ) އެވެ. އެޕާޓީ ޤާނޫނާއި ޤަވާއިދާ ޚިލާފުވެގެން ކޮށްފައިވާ 60000ރ (ފަސްދޮޅަސް ހާސް ރުފިޔާ) ގެ ޖޫރިމަނާ އުނިކުރުމުން އެ ޕާޓީއަށް ލިބިގެންދާނީ 12،749،191ރ އެވެ.
ދެވަނަ އަށް އެންމެ ގިނަ ފައިސާ ދިނުމަށް ނިންމާފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށެވެ. އެ ޕާޓީއަށް ދިނުމަށް ކަނޑައަޅާފައިވަނީ 9،377،167ރ (ނުވަ މިލިއަން ތިންލައްކަ ހަތްދިހަ ހަތްހާސް ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ) އެވެ. އެ ޕާޓީއަށް ފައިސާ ދޫކުރާނީ ޖޫރިމަނާގެ ގޮތުގައި 95000ރ އުނިކުރުމަށްފަހުއެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްދިނުމަށް އިލެކްޝަނުން ދެން އެދިފައިވަނީ ޖުމްހޫރީ ޕާޓީއަށާއި، އެމްޑީއޭއަށެވެ. ޖުމްހޫރީ ޕާޓީއަށް 2،059،960ރ (ދެމިލިއަން ފަންސާސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) ދޫކުރާއިރު، އެމްޑީއޭއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2،031،754ރ (ދެމިލިއަން އެއްތިރީސް ހާސް ހަތްސަތޭކަ ފަންސާސް ހަތަރު ރުފިޔާއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބަށް ބަލާއިރު 2018 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި 54950 ޢާއްމު މެންބަރުން އެބަތިއްބެވެ. އެ ޕާޓީއަށް އެންމެ ގިނަ ފައިސާ ލިބެނީ އެސަބަބަށްޓަކައެވެ. ޕީޕީއެމްގައި 40227 މެންބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގައި ތިބީ 8837 މެންބަރުންނެވެ. އަދި އެމްޑީއޭގައި އެ މުއްދަތުގައި ތިބީ 8716 މެންބަރުންނެވެ.




