އެއްބަސްވުން ނެތުމާއި، އިތުރަށް ރިސޯޓަށް ފައިސާ ދެއްކި ވާހަކަ ދޮގުކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ގެސްޓްހައުސްތަކާއެކު އެއްބަސްވުމެއް ނެތި ފައިސާ ދެއްކާފައިވުމާއި، ރިސޯޓްތަކަށް އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ބުނާ ވާހަކަތައް ދޮގުކޮށްފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެންޑީއެމްއޭ އިން ވިދާޅުވީ، ޖޫން މަހުގެ ނިޔަލަށް 85 ގެސްޓްހައުސްއެއްގައި 129 މުއައްސަސާއެއްގެ 1700 އެއްހާ ފްރަންޓްލައިންގައި މަސައްކަތްކުރި މީހުންގެ އެކޮމަޑޭޝަން 1099 ކޮޓަރިއެއްގައި އެ އޮތޯރިޓީން ބަލަހައްޓަމުންދިޔަ ކަމަށެވެ.

ގެސްޓްހައުސްތައް ހަމަޖައްސާފައިވަނީ ޓޫރިޒަމް މިނިސްޓްރީން ކަމަށާއި، ބައެއް މުއައްސަސާތަކުގެ ލިސްޓް ލިބުނުއިރު އެ ފަރާތްތަކުގެ އެކޮމަޑޭޝަން ގެސްޓްހައުސްތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ގެސްޓްހައުސްތަކުގައި އެކޮމަޑޭޝަން ހަމަޖައްސާފައިވަނީ އުޞޫލެއް އެކުލަވާލައި އުސޫލުގެ ދަށުން، ރޭޓް ކަނޑައަޅައި، ކޯޓޭޝަން ހޯދައި، ޕީއޯ ތައްޔާރުކޮށްގެން ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވިއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކަށް ފައިސާ ދައްކާފައިވަނީ އެކޮމަޑޭޝަން ހޯއްދަވާ ފަރާތްތަކުގެ ލިސްޓް ބަލައި، އޮކިއުޕެންސީ ކަށަވަރުކޮށްގެން ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިތުރަށް ވިދާޅުވީ، އިތުރަށް ފައިސާ ދައްކާފައިވާކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވަނީ މަލަހިނި ކުޑަބަނޑުސް ކަމަށާއި، އެއީ އެންމެ ފުރަތަމަ ހަމަޖެއްސި ރިސޯޓް ކަމަށެވެ. އެ ރިސޯޓްގެ އެއްބަސްވުން އޮތީ އެ ރިސޯޓާއި ޓޫރިޒަމް މިނިސްޓްރީއާއެކު ކަމަށާއި، އެއްބަސްވުމުގެ ކޮޕީ އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެ އޮތޯރިޓީން ވިދާޅުވީ، އިތުރަށް ރިސޯޓަށް ދެއްކި ކަމަށް ބުނަނީ ޖީއެސްޓީ ފައިސާ ކަމަށާއި، ފަހުން އެ އެއްބަސްވުންވެސް އިސްލާހުކޮށް ޖީއެސްޓީއާއެކު ބޮލަކަށް750 ރުފިޔާގެ މަގަށް ބަދަލުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަ ކަންކަން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ދޮގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ