ރައްޔިތުން ނިކަމެތިކުރުމަކީ ރައީސް ސޯލިހު ވެރިކަމުން ބާލާ ވަގުތު ކައިރިވުން: އިދިކޮޅު

ރައްޔިތުންނަށް ގޯނާކޮށް، އަނިޔާކޮށް، ނިކަމެތިކުރުމަކީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، ސޯލިހު ވެރިކަމުން ބާލާ ވަގުތު ކައިރިވަމުން އަންނަ ކަމުގެ އަލާމާތެއް ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ވިދާޅުވެފައި މިވަނީ ބެންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު އިއްޔެއިން ފެށިގެން ލިމިޓް ކުރުމާއި ގުޅިގެންނެވެ.

އެގޮތުން މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަނޑައަޅާފައި ވާއިރު ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ކޯލިޝަނުން ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި، އަދި ތަޢުލީމީ އެއްވެސް ފެންވަރެއް، އުރަތްޕެއް ނެތް، ތާކުންތާކު ނުޖެހޭ، ނާޤާބިލް އެމް.ޑީ.ޕީ އެކްޓިވިސްޓުންނަށް، ރައްޔިތުންގެ މާލިއްޔަތުން، ބޮޑެތި މުސާރަތައް ދީގެން ކުރަމުންދާ ބޭކާރު ހޭދަ މަދުކުރުމުގެ ބަދަލުގައި، އެނގިހުރެ ރައްޔިތުންނަށް ގޯނާކޮށް، އަނިޔާކޮށް، ނިކަމެތިކުރުމަކީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، ސޯލިހު ވެރިކަމުން ބާލާ ވަގުތު ކައިރިވަމުން އަންނަ ކަމުގެ އަލާމާތެއް ކަމުގައެވެ.

ސޯލިހާއި ޝާހިދު އަދި އެހެން ބޮޑުން ކުރަމުންދާ ބޭކާރު ޚަރަދުތަކަށް ޖާގަދީ މަގުފަހިކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން މަގުމަތިކުރުމަކީ މިކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއް ކަމަށާއި ޖުޑިޝަރީ މިނިވަންވާ ދުވަހުން، ރައްޔިތުންނަށް އަނިޔާވެރިވާ މިފަދަ ހުރިހާ ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާނެ ކަމަށާއި އެފަދަ އެންމެހާ ފަރާތްތައް ދިގު މުއްދަތަށް ޖަލަށް ދާންޖެހޭނެކަންވެސް ފާހަގަކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވިއެވެ.

މި ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި ވަޒަންވެރިވެގެން އުޅޭ ދިވެހި އާއިލާތަކަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ދަތިވުމުން ޤައުމުން ބޭރުގައި އުޅޭ ބައެއް ކަމަށާއި ދަރިންނަށް ކިޔަވާދޭން ނުވަތަ އާއިލާ މެންބަރުންނަށް ދާއިމީ ގޮތެއްގައި ބޭސްފަރުވާ ކުރުމަށް ބޭރުގައި އުޅޭ ބައެކެވެ. އެފަދަ އާއިލާތަކަކީ، ރާއްޖޭގައި ތިބި އާއިލާ މެންބަރުން މެދުވެރިކޮށް، ލިބޭ ކުޑަ ކުއްޔެއް ނުވަތަ މުސާރައެއް އަދި އުޖޫރައެއް، ބޭރަށް ފޮނުވައިގެން ދިރިއުޅުން ހަމަޖައްސާ ދިވެހިންކަމުގަޔާއި އެފަރާތްތަކަށް ސޯލިހު މި ޖައްސަމުންދާ ވޭނުގެ ބަދަލު އިންތިޚާބުގައި ރައްޔިތުން ހިފާނެކަން ސޯލިހާއި އެމް.ޑީ.ޕީ ކޯލިޝަނުގެ ބޮޑުން ހަނދާނުގައި ބެހެއްޓުން ބުއްދިވެރިވާނެ ކަމަށެވެ.

މިފަދަ ސިޔާސަތުތަކާމެދު އަވަހަށް ދެވަނަ ވިސްނުކަމަށްގޮސް، ރައްޔިތުންގެ ކިބައިން މައާފަށް އެދި، އެކަންކަން ބަދަލުކުރުމަށް ގޮވާލާ ކަމަށާއި ރައްޔިތުންނާ ދެކޮޅަށް، ރައްޔިތުންގެ އެދުންތަކަށް ބީރު ކަންފަތެއް ދީގެން ވެރިކަމުގައި ހުރެވޭނީ ވަކި މުއްދަތަކަށް ކަމަށް ވިދާޅޫވިއެވެ. ރާއްޖެއިން ބޭރުން މިސަރުކާރަށް މަދަދުވެރިވާ ފަރާތްތަކުގެ ނިވާގައި ފިލާ ތިބެގެން 2023 ގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެމް.ޑީ.ޕީ ވެރިކަމުގައި ދެމެހެއްޓޭނެ މިންވަރަށް އެހީތެރިކަމާއި މަދަދުވެރިކަމެއް އެފަދަ ފަރާތްތަކަކުންވެސް ނުދެވޭނެ ކަމަށާއި ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތްމަތީގައިކަން ސޯލިހު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ އިންނާއި ފިނޭންސް މިނިސްޓަރ އަމީރުވެސް ވަނީ ޑޮލަރުގެ ދަތިކަމެއް ދިމާ ނުވާނެ ކަމަށް ބުނެފައެވެ. އޭގެ ފަހުންވެސް އެމްއެމްއޭ އިން އަދި ސަރުކާރުންވެސް ޑޮލަރުގެ ތާށިކަމެއް އުޅޭ ކަމަށް ބުނެފައި ނުވެއެވެ. ނަމަވެސް އޮންލައިން ޓްރޭޑް ތަކުގެ ސަބަބުން ރާއްޖެއިން އެތައް ބައިވަރު ޑޮލަރެއް ބޭރުވަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ހާއްސަކޮށް ކޮވިޑް-19 ގެ މި ދަނޑިވަޅުގައި ބޭންކުގެ މި ނިންމުމާއިއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް “އިނދެޖެހޭނެ” ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އޮންލައިންކޮށް ބޭރުގެ އެކު ޕްލެޓްފޯމް ތަކުން ތަކެތި ގަންނަ ފަރާތްތަކަށްވެސް މީގެ އަސަރު ކުރާނެ ކަމަށްބުނެ ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. “ބީއެމްއެލް ނޫން ގޮތެއް” ހޯދަންވެއްޖެ ކަމަށާއި އެހެން އަހަރެންގެ ބޭންކެއް ހޯދަން ޖެހޭ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ބޭރު ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދެއްކުމާއި ކެއުންބުއިމާއި ޒަރޫރީ ބޭނުންތަކަށް “މިވަރުން ނުފުދޭނެ” ކަމަށް ބޭރުގައި ދިރިއުޅޭ ގިނަ ދިވެހިން އަންނަނީ ބުނަމުންނެވެ. ބޭންކުން މިކަމާއި އިތުރަށް ވިސްނައި މި ނިންމުން ބަދަލުކުރުމަށް އަންނަނީ ގޮވާލަމުންނެވެ. “އަހަރެންގެ ބޭންކް” އޭ ބުނެވޭނީ އޭރުންތާއެވެ. އަހަރެންގެ ބޭންކުއޭ ބުނެ އަހަރެންނަށް ދަތި ކުރާނަމަ އަހަރެންނަށް ކަމަކު ނުދާނެ އެވެ.

ރައްޔިތުން ނިކަމެތިކުރުމަކީ ސޯލިހު ވެރިކަމުން ބާލާ ވަގުތު ކައިރިވަމުން އަންނަ ކަމުގެ އަލާމާތެއް: ޕްރޮގްރެސިވް ކޯލިޝަން

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ