މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، މިރޭ 03:00 އިން އިން ފެށިގެން މާދަމާ ހެނދުނު 08:00 އާ ދެމެދުގެ ވަގުތުތަކުގައި ބ.އަތޮޅުން ފެށިގެން ގދ.އަތޮޅާ ދެމެދުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މީގެ އިތުރުން އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
"މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުރުން އެކަށީގެންވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށްވާ ވެހުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ދެކުނު އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާއި ދެމެދުގެ ބާރުމިނެއްގައި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ.




