ފޮޓޯ: ޖޭއެސްސީ ޓްވީޓަރ

ޔޫ.އެން.ޑީ.ޕީން، ޖޭއެސްސީއަށް އައިޓީ އިކިއުޕްމެންޓްސް ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ ހިލޭ އެހީގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށާއި ދިވެހިރާއްޖޭގެ ކޯޓުތަކަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ތަކެތި މިއަދު ޙަވާލުކޮށްފިއެވެ.

މިތަކެތި ޙަވާލުކޮށްދެއްވީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި، ޔޫ.އެން.ޑީ.ޕީގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފުޖީއެވެ. އަދި ކޮމިޝަނުގެ ފަރާތުން މިއެހީއާ ޙަވާލުވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ. އަދި ކޯޓުތަކަށް ހަދިޔާ ކުރެއްވި އެހީއާ ހަވާލުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ، ޑރ. އަބްދުﷲ ނަޒީރެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޔޫ.އެން.ޑީ.ޕީގެ ހިލޭ އެހީގެ ދަށުން ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާ ގިނަ އައިޓީ އިކިއުޕްމަންޓްތަކާއި އޮފީސް 365 ގެ ލައިސަސްސާއި މިކޮމިޝަންގެ މަސައްކަތްތައް އޮންލައިންކޮށް އަދި ޒަމާނީކޮށް ގެންދިޔުމަށް ބޭނުންވާ ގިނަ އިކިއުޕްމަންޓްތައް ހަދިޔާކުރައްވާފައިވާކަމަށެވެ.

މިއެހީގެ ސަބަބުން، ޝަރީއަތްތައް ދާދިވަރުކޮށް، ހުޅުވާލައިގެން ބޭއްވުމަށް އަދި ސިންގަލް ޕްލެޓްފޯމެއްގައި ހުރިހާކޯޓުތަކެއް ހިންގުމަށް ގިނަގުނަ ފަސޭހަތަކެއްވާނެއެވެ. މީގެއިތުރުން، ކޮމިޝަނުން މިހާރު މަސައްކަތް ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް ބޮޑަށް ޙައްލު ލިބިގެންދާނެކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކޮމިޝަންގެ ރައީސް ވިދާޅުވީ ދިމާވާ ބަލިމަޑުކަމެއްގެ ތެރޭގައި އަޅާފިޔަވަޅެއްގެ ސަބަބުން ޝަރީޢަތްތައް ނުހިންގި އަދި އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ނުލިބި ލަސްވެގެން ނުވާނެ ކަމަށާއި، މިފަދަ ކަންތައްތަކުން އަރައިގަންނަން ޖުޑީޝަރީއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގައެވެ. އަދި މިސް އަކީކޯ ފުޖީގެ ވާހަކަ ފުޅުގައި ކޯޓް ޑިޖިޓަލައިޒޭޝަންގެ ޕްރޮޖެކްޓަށް މުސްތަޤްބަލުގައިވެސް ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވިކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޖުޑީޝަރީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން މިހާރުވެސް ޔޫ.އެން.ޑީ.ޕީގެ ހިލޭ އެހީގެ ދަށުން އިތުރު 6 ކޮންސަލްޓެންސީ ޕްރޮގްރާމް ކުރިއަށް ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ