އިރާގު އަދި ސީރިޔާގެ ބަޔެއް ބާރުގެ ދަށަށް ގެނެސް ހިލާފަތު އިއުލާންކުރި އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރިކަމުގެ ކުށުގައި ފުރާންސްގެ 3 މީހަކު މަރަން އިރާގުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މި ތިން މީހުންނަކީ، ކެވިން ގޮނަޓް، ލިއަނާޑް ލޮޕޭޒް، އަދި ސާލިމް މަޗޯއީ ކަމަށް އޭއެފްޕީ އިން ރިޕޯޓް ކުރެއެވެ. މި މައްސަލަ އިސްތިއުނާފް ކުރުމަށް 30 ދުވަހުގެ މުހުލަތެއްވަނީ ދީފައެވެ.
މި ތިން ހަނގުރާމަވެރިންނަކީ، އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރުމުގެ ތުހުމަތުގައި އިރާގުގައި ހައްޔަރު ކޮށްފައިވާ ފުރާންސުގެ 12 މީހުންގެ ތެރެއިން ހުކުމެއް އައި ފުރަތަމަ ތިން މީހުންނެވެ.
މި މައްސަލައިގައި ފުރާންސުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އައިއެސް ޖަމާއަތަކީ ދުނިޔޭގެ އެކި ހިސާބުތަކުން ހަނގުރާމަވެރިން އެޖަމާއަތަކަށް ބައިއަތު ހިފައިގެން ހަނގުރާމަކުރަމުންދާ ޓެރަރިސްޓް ޖަމާއަތެކެވެ. މި ޖަމާއަތުގެ ބާރު އެންމެ ގަދައީ އިރާގު އަދި ސީރިއާގައެވެ.