"ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާ ކަރެކްޝަންއާއި ހަވާލުކޮށްފި

“ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)” ގެ ދިވެހި ތަރުޖަމާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހަވާލުކުރުމުގެ ރަސްމިއްޔާތު މާލެ ޖަލުގައި މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲގެ އިތުރުން އެ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް އަޙްމަދު ނަޒީރު، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ނޫރާ މުޙައްމަދު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް  އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޔޫއެންއޯޑީސީގެ ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު  އަދި ކޮމިޝަންޑް އޮފިސަރުންނާއި ސެކްޝަންތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތު ތަޢާރަފްކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ހޯމް މިނިސްޓްރީ އަށާއި ޔޫއެންއޯޑީސީ އަށް ވަރަށް ހާއްސަކޮށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި މިއަދަކީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ތެރެއިން ދިވެހިރާއްޖޭގެ ޖަލުތަކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ތަނެއްގެ ގޮތުގައި ހެޔޮ ބަދަލު ގެނެސް އިސް ސަފުގައި މަސައްކަތްކުރަމުންދާ ސީނިއަރ މެނޭޖްމަންޓާއި އޮފިސަރުން ކުރައްވާ މަސައްކަތަށް އިހުލާސްތެރިކަމާއެކު ބަލައިގަންނަވާކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ވމި ފަށައިގަނެވުނު މަސައްކަތުން އިތުރު ޒިންމާތަކަކާއި ވާޖިބުތަކެއް ދަސްކުރުމަށް މަގު ފަހިވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.

ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲގެ ވާހަކަފުޅުގައި ކޯވިޑް-19 އިން ޤައިދީން ރައްކާތެރިކަމާއި ހާލަތު ބެލެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލީޑަރޝިޕްއިން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފުކުރައްވައި، އޮފިސަރުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޯވިޑް-19 އާ ގުޅިގެން މިއަހަރު ރޭވިފައިވާ ގިނަ މަސައްކަތްތަކެއް މަޑުޖެހި، ހުއްޓިފައިވީ ނަމަވެސް، ހިތްވަރުކޮށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ފޮތް ތަރުޖަމާކުރެވި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ މިއަދު ހަވާލުކުރެވި، އަންނަ ހަފްތާއިން ފެށިގެން އޮފިސަރުންނަށް އެއާ ގުޅޭ ތަމްރީންތައް ފެށޭނެ ވާހަކަވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވިއިރު ޔޫއެންއޯޑީސީ އާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި މި ސަރވިސް ގުޅިގެން މި މަހުގެ 20 ން 26 އަށް “ޑި ނެލްސަން މަންޑޭލާ ރޫލްސް” ފޮތާ ގުޅޭ ޓްރޭނިންގ ގެ ފުރަތަމަ ބެޗް ފެށިގެންދާނެއެވެ. މި ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވާނީ ޔޫއެންއޯޑީސީގެ ފަރާތުން ކަމުގެ ހާއްސަ ކޮންސަލްޓަންޓެކެވެ. އަދި ކުރިއަށް އޮތްތަނުގައި ހުރިހާ އޮފިސަރުންނަށް މި ތަމްރީން ޕްރޮގްރާމް ހިންގާނެއެވެ.

ޔޫއެންއޯޑީސީގެ ފަރާތުން ވާހަކަ ދައްކަވަމުން ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު ވިދާޅުވީ އޮފިސަރުންނަށް “ދި ނެލްސަން މަންޑޭލާ ރޫލްސް” ގެ މުހިއްމުކަން ދޭހަވާގޮތަށް މިފަދަ ހަފްލާއެއް ބޭއްވުމަކީ ފާހަގަކުރާ ކަމެއްކަމަށާއި މި ފޮތަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށާއި މުވާހަދާތަކާއި އެއްގޮތަށް ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނާ މެދު އަމަލުކުރަންޖެހޭ ގޮތުގެ އެންމެ ދަށް މިންގަނޑުތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އޮފިސަރުން ތަމްރީނުކުރުމުގައި އަދި ޖަލުތައް ރިފޯމްކުރުމުގައި ޔޫއެންއޯޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ތާއިބާ ވިދާޅުވިއެވެ.

ޚަބަރާއި ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ