"ރައްޔިތުންގެ މަޖްލިސް މިހާރައްވުރެ ހަރުދަނާވާންޖެހޭ"

ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމިޔާތުގައި މިސަރުކާރުގެ ފުރަތަމަ ރިޔާސީބަޔާން އިއްވަވަމުންނެވެ.

‎މިބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ ގާނޫނީ އޮނިގަނޑު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، ސަރުކާރުން މިހާރު ވާނީ، މިވަގުތަށް އެންމެ ބޭނުންތެރި ޤާނޫނުތަކުގެ ދެލިކޮޕީ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިކަމުގައެވެ. އަދި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެކުށް އިތުރުކުރުމުގެ ބިލް ވެސް މިހާރު މަޖިލީހަށް ފޮނުއްވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުވެސް، ތަހުޒީބީ ޑިމޮކްރެޓިކް މުޖަތަމަޢުތަކުގައި އޮންނަ ފަދަ ލުއިފަސޭހަ ހަރުދަނާ އުޞޫލަކަށް ބަދަލުކުރުމަށްޓަކައި، މަދަނީ އިޖުރާޢާތުގެ ބިލެއް އެކުލަވައިލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‎ރައްޔިތުންގެ ވެރިކަމެއް ކުރާއިރު، ދައުލަތުގެ ކަންކަން ހަމަ މަގަށް އަޅުވައިދިނުމުގެ އެންމެ މުހިންމު ބައިވެރިޔަކީ، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަދަނީ ޖަމުޢިއްޔާތަކުގެ ބިލު އެކުލަވާލައި މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުއްވުމަށް ތައްޔާރުވެފައިވާކަމުގައެވެ. މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ޤާނޫނުތައް މުރާޖަޢާކުރެއްވުމުގެ މަސައްކަތްވެސް މިހާރު ފަށްޓަވާފައިވާކަމުގައި އެމަނިކުފާނުވަނީ ވިދާޅުވިއެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ