މިއަދަކީ މައުމޫންގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާކަން ފާހަގަވި އެއް ދުވަސް: ނަޝީދު

މިއަދަކީ ރައީސް މައުމޫން ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރަައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ޖަލުގައި އިވާން ނަސީމް ގައިގައި ތަޅާ މަރާލި ދުވަސް ކަމަށެވެ.

އަދި މިއަދަކީ އިވާން ނަސީމް ޖަލުގައި ތަޅައި މަރާލުމުން އަނިޔާއާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލުކުރުމަށް ނިކުތް ދުވަސް ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް މަޢުމޫންގެ ވެރިކަމުގައި ޖަލުގައި އެތައް އަނިޔާއެއް އެތައް ދިވެހިންނަކަށް ނުހައްޤުން ލިބިފައިވާކަމަށް ރައީސް ނަޝީދު އަބަދުވެސް ގެންދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިންމުމަށްޓަކައި އެދިކޮޅުން އުފެއްދެވި ކޮޅިޝަންގެ ތެރެއިން ރައީސް މައުމޫން އާއިއެކު ރައީސް ނަޝީދު ވަނީ ވަރަށް ގާތުން މަސައްކަތް ކުރައްވާފައެވެ.

މާފުށީ ޖަލުގައި އިވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އިވާން ނަސީމް މަރާލާފައިވަނީ އަނިޔާވެރި މަރަކުންކަން ސާބިތުކޮށްދެއްވުމަށް މަސައްކަތްކުރައްވައި، އީވާން ނަސީމުގެ މަރުގެ ސެޓިފިކެޓްގައި ސޮއިކުރުމުގެ ކުރިން އެ މަރުޙޫމްގެ މަރު ތަހުގީގުކޮށް މަރުވި ސަބަބު ބެލުމަށް ޑޮކްޓަރުންނަށް ގޮވާލެއްވި ބޭފުޅަކީ ރައީސް މުޙަންމަދު ނަޝީދު އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ