އެޗްޕީއޭގެ ނަމުގައި ފޭކް އެސްއެމްއެސް ފޮނުވަނީ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ނަމުގައި ފޭކް އެސްއެމްއެސް ފޮނުވަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް އެމެޖެންސީ އޮޕަރޭޝަން ޝެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، އެޗްޕީއޭގެ ނަމުގައި ފޭކް އެސްއެމްއެސް ފޮނުވަމުންދާ ކަމަށާއި، ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެގެން އެޗްޕީއޭ އިން މެސެޖް ނުފޮނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެބަ ބައެއް ފަރާތަކަށް އެޗްޕީއޭގެ ނަމުގައި މެސެޖު ދާތަން، އެހެންނަމަވެސް ސީދާ އެޗްޕީއޭ އަކުންނޫން، އަޅުގަނޑުމެން ކުރިންވެސް ދަންނަވާފައިވާނެ އެއްވެސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވެގެން އެޗްޕީއޭ އަކުން މެސެޖެއް ނުކުރާނެ، އެގޮތަށް މެސެޖެއް ގޮސްފިނަމަ އެއީ ރަނގަޅު މެސެޖެއް ނޫން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ އޮންނަގޮތަކީ އައިޖީއެމްއެޗްގެ ސިމެޑިކް ޓީމުން އެފަރާތަކަށް ގުޅާފަ އަންގާނެ ކަމަށެވެ. އަދި އޭގެ ފަހުން އެޗްއީއީސީ އިން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެފަރާތަކަށް ގުޅާނެ ކަމަށެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން އެޗްޕީއޭ އިން މިރޭ ބުނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް 81 މީހުން ޕޮޒިޓިވުވެފައިވާ ކަމަށެވެ. މިއާއެކު ޖުމްލަ މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 9,649 އަކަށް އަރައިފައެވެ.

މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 58 ދިވެހިންނާ 23 ބިދޭސީންނެވެ. މީގެތެރެއިން 70 މީހުން މާލެއިން ޕޮޒިޓިވުވިއިރު 11 މީހަކުވަނީ އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ