ކޯވިޑް-19އަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ، މެޑިކަލް ފެސިލިޓީއަށް ގެނައި ބަލިމީހަކު ލިފްޓަށް އަރުވަނީ. ފޮޓޯ: އަލީ ނަސީރު / ޕީއެސްއެމްނިއުސް

ކޮވިޑް ޖެހުނު 8 މީހަކު އައިސީޔޫގައި، އެކަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިވަގުތު 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު އެޑްމިޓް ކޮށްގެން 8 މީހަކަށް އައިސީޔީގައި ފަރުވާ ދެމުންދާއިރު ވެންޓިލޭޓަރުގައި އެއްފަރާތަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫގައި ކަމަށާއި އަދި އެކަކު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައިވެސް 4 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕްރައިވެޓް ވޯޑް-5 ގައި 2 މީހަކަށް، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 101 މީހަކު އަދި ށ. ފުނަދޫ އާއި ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި 2 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 9649 އަށް އަރާފައިވާއިރު، މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1422 މީހެކެވެ. އަދި އެބަލިން 8188 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހަކު ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ