މެދުރާއްޖެތެރެއާއި ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ތ.އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ކުރަމުންދާ ވިއްސާރައިގައި ތ.އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވާ ކަމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
"މިއަދު ތ.އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި (ފެންބޮޑުވުމާއި ގުޅިގެން) ފުލުހުންނާއި ކައުންސިލްތަކާއި ސިފައިން އަދި ރައްޔިތުން ގުޅިގެން ފެން ބޭރުކުރަން ކޯރު ކެނޑުމާއި، ޕަމްޕް ބޭނުންކޮށްގެން ފެން ހިއްކުމާއި، ގޭގޭގައި ވެލިބަސްތާ ޖެހުމުގައި ފުލުހުން ދަނީ ހަރަކާތްތެެރިވަމުން." މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.

ކުރަމުންދާ ވިއްސާރައިގައި ތ.އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި މިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވާފައި ވަނިކޮށެވެ.
މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ވިދާޅުވެފައިވަނީ، މިއަދު މެންދުރު 12:00 އިން އިން ފެށިގެން ހަވީރު 15:00 އާ ދެމެދުގެ ވަގުތުތަކުގައި ފ.އަތޮޅުން ފެށިގެން ގއ.އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
“ބޯކޮށް ވާރޭވެހި ، ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން.” މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ.
ހިޔާލު
މާލެއަށް ކީވެތަ ވިއްސާރަ ނުވަނީ. އަބަދު ދެކުނަށް ވަނީ
ކޮމެންޓް ކުރުން ބަންދު