ޗައިނާއިން ނެގި ކޮމާޝަލް ލޯނުތައް ދެއްކުން ފަސްކުރަން މަޝްވަރާކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރާއްޖެއަށް ޗައިނާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ޓްވިޓާ މެދުވެރިކޮށް ދިން ވީޑިއޯ މެސެޖެއްގައި ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ، އެ ގައުމުން ރާއްޖެއަށް ދޫކޮށްފައިވާ ކޮމާޝަލް ލޯނުތަކުގެ ތެރޭގައި ގިނައީ ސަރުކާރު ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތައް ކަމަށެވެ. އަދި ޕްރައިވެޓް ޕާޓީއަކަށް ދޫކޮށްފައިވާ އެއް ލޯނު ހިމެނޭ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ސަފީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ލޯނު ދައްކަން ގޮންޖެހުންތައް ހުންނާނެ ކަމަށް ޗައިނާއިން ގަބޫލުކުރާ ކަމަށެވެ.

ސަފީރު ވިދާޅުވީ ބައިލެޓްރަލް އޮފިޝަލް ސޮވެރިން ލޯނުތައް ފަސް ކޮށްދިނުމަށް މިހާރު ނިންމާފައިވާކަމަށާއި، ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވެމުން އަންނަކަމަށެވެ. އަދި ޗައިނާގެ ލޯންތަކާއި ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން އިނގޭ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ގޮތުގައި ޗައިނާ މެދުވެރިކޮށް ރާއްޖެއިން މިހާތަނަށް 1.5 ބިލިއަން ޑޮލަރުގެ ލޯނުވަނީ ނަގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ