އެކުވެރިއަކު ބޭނުންވާއިރު އިންޑިއާ އަބަދުވެސް އޮވޭ: ރައީސް

ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތަކު ގާތް އެކުވެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް އޮންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ދީފައި ވަނިކޮށެވެ.

އިންޑިއާ އިން ރާއްޖެއަށް ބަޖެޓް ސަޕޯޓުގެ ގޮތުގައިދޭ 250 މިލިއަން ޑޮލަރު ހަވާލުކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އިންޑިއާ އިން ދިން އެހީތެރިކަމަށް ރައީސް ސޯލިހު ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތަކު ގާތް އެކުވެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް އޮންނަ ކަމަށެވެ. އިންޑިއާ އިން މި ފަހުން ދިން އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރާއި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މި އެހީއަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެދިވަޑައިގަތުމާ ގުޅިގެން ދެއްވާފައިވާ އެހީއެކެވެ.

އެހީގެ ރަމްޒީ ޗެކް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާ ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.

250 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، ޓްރެޒަރީ ބޮންޑް ގަނެގެންނެވެ. މިއީ ކޮވިޑް-19ގެ ޙާލަތު ދިމާވިފަހުން ޤައުމަކުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީއެވެ.

މި އެހީގެ ރަމްޒީ ޗެކް ހަވާލު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގާތް އެކުވެރިއެއްކަމަށާއި، އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަން މެދުކެނޑުމާ ގުޅުގެން ދައުލަތަށް ވަންނަ އާމްދަނީ ވަރަށް ބޮޑުތަނުން މަދުވެފައިވާ މިދަނޑިވަޅުގައި، މިއަދު އިންޑިއާއިން ފޯރުކޮށްދެއްވި އެހީގެ ސަބަބުން ދައުލަތަށް މިވަގުތަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ އިންޑިއާއިން ފޯރުކޮށްދެއްވާ އެހީގެ ބޭނުންކުރެވޭނީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 ރެސްޕޮންސް ޕެކޭޖްތަކަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ