ފޮޓޯ: ރައީސް އޮފީސް

ތިން ބިލެއް ރައީސް ތަސްދީޤުކުރައްވައިފި

ތިން ބިލެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ރައީސް ޞާލިޙް މިއަދު ތަސްދީޤުކުރައްވާފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

މި 3 ބިލަކީވެސް 2020 ސެޕްޓެންބަރު 06 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރެއްވާފައިވާ 3 ބިލެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަންކަމާއިއެކު ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ. އަދި ކޮމިޝަނުގެ މެންބަރުންގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާޢީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިޞިއްޔަތާއި ފަރުދީ ހައިޞިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރައްވައިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބުތަކާއި، އިތުރު ވަޒީފާ އަދާކުރުން މަނާކުރުމާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކާއި ގުޅޭ އުޞޫލުތައް މި އިޞްލާޙުގައި ބަޔާންކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރައްވައިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި، އިތުރު ވަޒީފާ އަދާނުކުރުމަށާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް މި އިޞްލާޙުގައި ބާރުއަޅައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ