ރާއްޖޭއަށް އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން: ރައީސް

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުމަތަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އ.ދ.އަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ޚާއްޞަ ޖަލްސާގައި ދެއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގައި އދގެ ދައުރާއި އެ ޖަމިއްޔާގެ ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.

އަދި މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މަސައްކަތަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ބުރަ މަސައްކަތް ކަމަށާއި، މި ކަމުގައި ރާއްޖެ ފަދަ މި ބަލީގެ ނުރައްކާތެރިކަން ބޮޑެތި ޤައުމުތަކަށް، އެ ޤައުމުތަކުގެ އިޤްތިޞާދު ނަގަހައްޓައި ސިނާޢީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުމަތަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، މިކަމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މި ފަދަ އެހެނިހެން މައްސަލަތަކާއި ކުރިމަތިލައި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައި ވަނީ 1965 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ފާސްކުރި އެ މަޖިލީހުގެ ރިޒޮލޫޝަން 212 ގެ ދަށުންނެވެ. ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދެ މަސް ފަހުންކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އ.ދ.ގެ މެންބަރު ޤައުމެއްގެ މަޤާމު ރާއްޖެއަށް ލިބުމަކީ، އަދި އެ މަޤާމުގައި ދެމިއޮތުމަކީ ރާއްޖެއަށް ލިބިފައިވާ ޝަރަފެއް އަދި ފަޚުރެއްކަމުގައެވެ.

ދިވެހިރާއްޖެއަށް ރަސްމީކޮށް އ.ދ.ގެ މެންބަރުކަން ލިބުނީ 1965 ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އ.ދ. ވުޖޫދަށް އައިސްފައިވަނީ 1945 ވަނަ އަހަރު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި ސެންފްރެންސިސްކޯ ކޮންފަރެންސްގައެވެ. އަދި، އެ ޖަމުޢިއްޔާގެ ޗާޓަރަށް އަމަލުކުރަން ފަށާފައި ވަނީ 1945 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ