ރައީސް ނަޝީދު ކަރަންޓީންގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަރަންޓީންވެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ކަރަންޓީންވެ ވަޑައިގެންފައި މިވަނީ އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމާއި ގުޅިގެންނެވެ.

އެގޮތުން އެމަނިކުފާނު މިހާރު ހުންނެވީ ކަރަންޓީންގައިކަން ރައްޔިތުންގެ މަޖިލީހުން ވަނީ ހާމަ ކުރައްވާފައެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތައް ވަޑައިގެން ފައި ވަނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދަޢުރުގެ ފަހު ޖަލްސާ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި ވަނިކޮށް، އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައި ވަނީ މިއަދު ހެނދުއެވެ. މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދަޢުރުގެ ޖަލްސާތައް ޗުއްޓީއަށްފަހު އަންނަ އޮންޓޫބަރު މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު ވަނީ މިއަހަރުގެ ތެރޭގައި މީގެ ކުރިންވެސް އިނގިރޭސި ވިލާތަށް ވަޑައިގެންފައެވެ.

ރައީސް ނަޝީދު ކަރަންޓީންވެ ވަޑައިގެންފައި މި ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ޒިޔާރާތް ކުރާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައި ވާތީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ