"ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ރައީސް ތަސްދީޤުކުރައްވައިފި

"ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ޚާއްޞަ އުޞޫލުތައް ކަނޑައެޅުމަށް ފަރުމާކޮށްފައިވާ މި ބިލަކީ، މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން، ޟަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުޞޫލުތައް ހިމަނާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ހަމައެއާއިއެކު، ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް ޚާއްޞަ ޗުއްޓީ ހަމަޖައްސައިދިނުމާއި، ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލުގެނައުން ހުއްދަނުވާނެ ކަމުގައި ކަނޑައެޅުން މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމަނާފައިވާކަމަށްވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ކޯވިޑާއި ގުޅިގެން ކުރިމަތިވެފައިވާ މި ޙާލަތުގައި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި އެކަށައަޅަންޖެހޭ ޚާއްޞަ އުޞޫލުތައް އެކަށައެޅުން ވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ވަނީ ހިމަނާފައިވެއެވެ.

މި ބިލު ޤާނޫނަކަށްވުމަށްފަހު، ޢަމަލުކުރުމަށް ހަމަޖެހިފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ނުވަތަ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ޙާލަތެއް ނިމުމަކަށް ގެންނަތާ ފަސްދޮޅަސް ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ