އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

ގައުމުގެ ސިޔާދަތު ގެއްލޭ މިންވަރަށް ބޭރުގެ އެހީތަކަށް ބަރޯސާ ވުމަކީ ކަންބޮޑުވާ ކަމެއް: އާދަމް ޝަރީފް

ގައުމުގެ ސިޔާދަތު ގެއްލޭ މިންވަރަށް ބޭރުގެ އެހީތަކަށް ބަރޯސާ ވުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުމަތަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އ.ދ.އަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ޚާއްޞަ ޖަލްސާގައި ދެއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގައި އދގެ ދައުރާއި އެ ޖަމިއްޔާގެ ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލީގޮތުން ނިކަމެތިވެފައިވާ މި ދަނޑިވަޅުގައި ގައުމުގެ ސިޔާދަތު ގެއްލޭ މިންވަރަށް ބޭރުގެ އެހީތަކަށް ބަރޯސާ ވުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށާއި ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވޭނީ ހަރުދަނާ އިޤްތިޞާދީ ޕްލޭނެއް އޮވެގެން ކަމަށެވެ. އަދި އެކަން ކުރެއްވޭނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކަމަށައި ރައީސް ޔާމީން މިނިވަން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 250 މިލިއަން އެމެރިކާ ޑޮލަރު (3.85 ބިލިއަން ދިވެހި ރުފިޔާ) ވެސްދިވެހި ސަރުކާރާ، މިދިޔަ އާދިއްތަ ދުވަހު ވަނީ ހަވާލުކުރައްވާފައެވެ.

މި އެހީއަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެދިވަޑައިގަތުމާ ގުޅިގެން ދެއްވާފައިވާ އެހީއެކެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ