ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ވަގުތުތަކުގައިވެސް ކުރާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ވިދާޅުވެފައިވަނީ، މިރޭ 19:30 އިން އިން ފެށިގެން 22:30 އާ ދެމެދުގެ ވަގުތުތަކުގައި ކ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ޔެލޯ އެލާޓް ނެރުނު ހަތަރުވަނަ ފަހަރެވެ. ހަވީރު 04:00 އިން ފެށިގެންވެސް މެދުރާއްޖެތެރެ އޮތީ ޔެލޯ އެލާޓްގައެވެ.
Alert Yellow in effect from Kaafu atoll to Thaa atoll. pic.twitter.com/OcKvJFg2Gl
— Maldives Meteorology (@MetMaldives) May 27, 2019
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުރުން އެކަށީގެންވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށްވާ ވެހުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ދެކުނު އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާއި ދެމެދުގެ ބާރުމިނެއްގައި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ.
"ބޯކޮށް ވާރޭވެހި ، ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން." މެޓް އޮފީހުން ވިދާޅުވިއެވެ.




