ދަންތުރަ (07)

(ހަވަނަ އަދަދާއި ގުޅޭ)

ބަދު ބަސްތައް އަޑުއިވުމުގެ ކުރިން އޭނާ މިދުނިޔެއިން ގެންދެވިނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ކުއްލިއަކަށް ޝައިޠާނާ އޭނާގެ ބޮލަށް ސަވާރުވެގަތެވެ. އަދި އަމިއްލައަށް ފުރާނަ ދުއްވާލުމަށް ވަސްވާސް ދޭންފެށިއެވެ. އެކަންކުރެވިދާނެ ގޮތްގޮތްވެސް ޚިޔާލަށް ގެނުވަންފެށިއެވެ. އެ ކަންކަމާމެދު ވިސްނަން އޮވެފައި އާސިމް ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައި ހުރި އަލަމާރިއާ ދިމާއަށް ހިނގައިގަތެވެ.

އަލަމާރީގައި ފަތްޖަހާފައި ހުރި އެއްޗެހިތަކުގެ ދަށުގައި ބަހައްޓާފައި ހުރި ފަރސްޓް އެއިޑް ފޮށި އާސިމްގެ ލޮލުގައި އަޅައިގަތީ އިރުކޮޅަކު އެތާ ހުރި އެއްޗެހިތައް ހޭވި ފަހުންނެވެ. ހަމަ ފެނުމާއެކު ވަގުތުން އެ ފޮށި ނަގައިގެން އައިސް އެނދުމަތީގައި އިށީނދެލިއެވެ. އަދި ފޮށި ހުޅުވާލާފައި އޭގައި ހުރި ނިދާ ބޭސް އަޅާފައި ހުރި ފުޅި ނެގިއެވެ. އެއީ އެއްފަހަރަކު އޭނާއަށް ރޭގަނޑު ނުނިދޭތީ ޑޮކްޓަރަށް ދެއްކުމުން ދީފައި ހުރި ބޭސްތަކެކެވެ. އިތުރަށް ވިސްނަން ނުހަދާ އާސިމް އެ ފުޅީގައި ހުރި ހުރިހާ ބޭސްގުޅަތަކެއް އަތަށް އޮއްސާލިއެވެ. އަދި އަނގައަށް އަޅާލުމަށްޓަކައި އަތް މައްޗަށް ހިއްލާލިއެވެ. ނަމަވެސް އޭނާގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބުކަމެއް ނޭނގެއެވެ. އެވަގުތު ކުއްލިއަކަށް ބާލީސް ކައިރީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް އަރާފައި އޮތީ މަންމައެވެ. ކުރެވެން އުޅެވުނު ކަންތަކާމެދު އާސިމަށް ރަނގަޅަށް ވިސްނާލެވުނީ އެވަގުތުއެވެ. މަންމައަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ކޮންމެ ކަމެއްގައިވެސް އޭނާ މަޝްވަރާ ހޯދަނީ މަންމަ ކައިރިންނެވެ. ދެރަވިޔަސް އޭނާއަށް އެންމެ ހިތްވަރު ދެނީ ހަމަ އެ މަންމައެވެ. ނަމަވެސް މާލެ އައިސް ކޮލެޖަށް ދާން ފެށިފަހުން އެތަނުގައި އޭނާއާމެދު ޢަމަލުކުރެވެމުންދާ ގޮތުގެ ވާހަކަ އޭނާ މަންމައަށް ސިއްރުކުރިއެވެ. ދުރުގައި ހުރުމުން މަންމަ މާބޮޑަށް ކަންބޮޑުވެދާނެތީއެވެ.

"ހަލޯ." ތުރުތުރު އަޅައަޅާ އޮތް އަތުން ފޯނު ނަގާފައި އާސިމް ކަންފަތުގައި ޖައްސާލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން އޭރު އަޑުގައިވެސް ތުރުތުރެއް އެކުލެވިފައި ހުއްޓެވެ.

"ދަރިފުޅު ރޮނީތަ؟" އާސިމްގެ އަޑު ހަމަ ޖެހުމާއެކު މަންމައަށް އޭނާ ރޯކަން އެނގުނެވެ. ކޮންމެ ކަމެއް ކުރިނަމަވެސް މަންމައަށް ނުފޮރުވޭނެކަން އޭނާއަށް އެނގެއެވެ. އެންމެ ފަހުން އާސިމްގެ ކެއްތެރިކަން ކޮޅުންލިއެވެ.

"މަންމާ. އަހަރެން މި ދުނިޔޭގަ ހުންނާކަށް ބޭނުމެއް ނޫން." އާސިމްގެ ހިތުގައި އޭރު އުފެދެމުން ދިޔަ ޚިޔާލުތައް މަންމައާ ހިއްސާކުރިއެވެ.

"އެއީ ކީއްވެ ދަރިފުޅާ؟" ވަގުތުން މަންމަގެ އަޑުގައި ހާސްކަމާއި ކަންބޮޑުވުން އެކުލެވިގެންދިޔައެވެ.

އެންމެފަހުން ކޮލެޖްގައި ކުދިން ކަންތައްކުރަމުންދާގޮތް އާސިމް މަންމައަށް ކިޔައިދިނެވެ. އަދި އިތުރަށް އެތަނަށް ދާން ބޭނުން ނުވާކަމުގައިވެސް ބުންޏެވެ. އާސިމްގެ ވާހަކަތައް އަޑު އެހުމަށްފަހު މަންމަ އެދުނީ ވަގުތުން ރަށަށް އައުމަށެވެ. އެއީ އޭނާ ގޯސް ފިޔަވަޅެއް ނަގައިފާނެތީކަން އާސިމްއަށް އެނގެއެވެ. އަދި އެއީ އޭނާވެސް އެވަގުތު އެންމެ ބޭނުންވާ ގޮތެވެ.

ރަށަށް ދިއުމަށްފަހު އާސިމް ދެން އެނބުރި އެ ކޮލެޖަށް ދާކަށް ބޭނުމެއް ނުވިއެވެ. ހިތުގައި ޖެހިފައި ހުރިވަރުން އޭނާ ވަރަށް ގިނަ ދުވަސްވަންދެން ގެއިން ނުނިކުމެވެސް އޮތެވެ. މަންމަ އޭނާއަށް ވަރަށް ހިތްވަރު ދިނެވެ. އެހެންކަމުން ދުވަހެއް ދުވަހަކަށް އޭނާގެ ޙާލު ދިޔައީ ރަނގަޅުވަމުންނެވެ. މަންމަ ބުނި ގޮތުގައި މީހަކު ކިޔާ އެއްޗެއްގެ ސަބަބުން އެކަމާ ދެރަވެ، ފިނޑިވުމުގެ ބަދަލުގައި ހިތްވަރާއެކު މަސައްކަތްކޮށް އެމީހުންނަށްވުރެ ކާމިޔާބު މީހަކަށްވުމަކީ އެމީހުންނަށް ދެވޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ. އެއީ އެމީހުންނަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.

މަންމަގެ އެ ވާހަކަ އާސިމްއަށް ނެގުނީ މުޅިން އެހެން ގޮތަކަށެވެ. އެދުވަހުގެ ފަހުން އޭނާގެ މަޤުސަދަކަށްވީ އޭނާއަށް މަލާމަތްކޮށް، މަރުގެ ތުންފަތްމައްޗަށް ގެންދިޔަ މީހުންގެ ކިބައިން ބަދަލު ހިފުމެވެ. ނަމަވެސް އެކަން ކުރެވެން އޮތީ އޭނާއަށް އަމިއްލަ ފައި މައްޗަށް ތެދުވެވިގެންނެވެ. އަދި ކާމިޔާބު މީހަކަށް ވެވިގެންނެވެ. އެހެންކަމުން އާސިމް އެކަމަށްޓަކައި މަސައްކަތް ފެށިއެވެ. ޓިއުޝަން ދިނުމާއި، މަހަށް ގޮސްގެން ލިބޭ ލާރި އެއްކުރަން ފެށިއެވެ. އެކަމަށް ދުވަސް ނެގިއެވެ. ނަމަވެސް އޭނާ ކެތްތެރިވިއެވެ.

ބޭނުންވާވަރަށް ލާރި އެއްވުމުން އާސިމް ކިޔެވުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރިއެވެ. ލަންޑަނަށެވެ. އެތަނުގެ ފެންވަރު ރަނގަޅު ޔުނިވާރސިޓީއަކުން އޭނާ ޑިގްރީ ނިންމިއެވެ. އަދި އެއަށްފަހު އެކޮޅުގައި ވަޒީފާ އަދާކުރަމުން މާސްޓާރސްވެސް ހެދިއެވެ. ރާއްޖެ އައީ އޭނާ ބޭނުންވާ ވަރަށް ކިޔެވުމުންނެވެ. އޭރު އަތުގައި ފުދޭވަރަކަށް ފައިސާވެސް އެއްކުރެވިފައި ހުއްޓެވެ.

މާލެ އައުމަށްފަހު އާސިމް އަމިއްލަ ވިޔަފާރިއެއް ފެށިއެވެ. އަދި ދުވަހެއް ދުވަހަކަށް އެވިޔަފާރި ފުޅާކުރަމުން ދިޔައެވެ. ހަމައެއާއެކު ރާއްޖޭގައި ސިޔާސީގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެންމެ ނުފޫޒު ގަދަ މީހުންނާއި ގުޅުން ބަދަހިކުރެވޭތޯ މަސައްކަތްކުރިއެވެ. އެދުވަސްވަރު އޭނާ ދިޔައީ މިއުވާނާއި އެ ގްރޫޕް މީހުންގެ މަޢުލޫމާތުވެސް އެއްކުރަމުންނެވެ. އެކަންކަމަށް ދުވަސް ނަގަމުން ދިޔަ ނަމަވެސް އާސިމް ބޭނުންވީ ކުރާކަމަކުން އޭނާއަށް ސަލާމަތްވެވޭނެކަމުގެ ޔަޤީންކަން ހޯދުމެވެ. ލިބުނު މަޢުލޫމާތުން އެނގުނުގޮތުގައި އެންމެންގެ ތެރެއިންވެސް އެންމެ ހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދިޔައީ މިއުވާނެވެ. އެކަން އެނގުމުން އާސިމްގެ ލޭ އިތުރަށް ހޫނުވިއެވެ. އަމިއްލަ ދިރިއުޅުމުން ގިނަ ދުވަސްތަކެއް ބޭކާރުވެގެން ދިޔުމުގެ މައިގަޑު ސަބަބަކީ މިއުވާންކަމުގައި އޭނާ ޤަބޫލުކުރެއެވެ.

-------------------------------------------------------------------------------------------------------------------------------

"އެއީ އެއްވެސް ޙާލެއްގަ އަހަރެމެން އާސިމަށް ދެރައެއްދޭންވެގެން ކުރި ކަމެއް ނޫން. އެއީ އަހަރެމެން އެންމެ ލާނެތްކޮށް އުޅުނު ދުވަސްވަރު. އޭރު އެއްވެސް ކަމަކާ ފިކުރެއް ޚިޔާލެއް ނުހުރޭ. ހިޔެއް ނުކުރަން މަޖަލަކަށް ކުރެވުނު ކަމެއްގެ ސަބަބުން އާސިމަށް އެހާ ބޮޑު އަނިޔާއެއް ލިބުނުކަމަކަށް." އާސިމްގެ ވާހަކަ ނިމުމުން މިއުވާން ދެރަވެލާފައި ބުންޏެވެ.

"އަހަންނަށް އެނގޭ މަޢާފުކުރާށޭ ބުންޏަސް އެއީ އެހާ ފަސޭހަކަމެއް ނޫންކަން. އަދި އެއީ އަހަރެންގެ ސަބަބުން އާސިމަށް ލިބުނު ހިތާމަޔާ ބަލާފައި އެއްވެސް އެއްޗެއް ނޫންކަން. އެކަމަކުވެސް އަހަންނަށް މަޢާފުކޮށްދީ!" އާދޭހާއެކު މިއުވާން ވާހަކަ ކުރިއަށްގެންދިޔައެވެ.

"ތިބުނީ ރަނގަޅަށް. މަޢާފުކުރިޔަސް އަހަންނަށް ލިބުނު ދެރައިގެ ބަދަލެއް ނުދެވޭނެ. އަހަރެން ރުއި ރުއިމާ، މިހާހިސާބަށް އައުމަށްޓަކައި އުފުލި ތަކުލީފު އަންދާޒާވެސްކޮށްނުލެވޭނެ." ވޭން އެކުލެވިގެންވާ އަޑަކުން ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ އާސިމް ބުންޏެވެ.

"އެކަމަކު އޭގެ ބަދަލު އަހަރެންގެ ދަރިންގެ ކިބައިން ނުހިފާ! ހެޔޮނުވާނެ! އާސިމްއަށް ގުލާނުކޮށްދޭންވެސް އަހަރެން މިހިރީ ތައްޔާރަށް. މިހާރު ހުރި ވަޒީފާ ދޫކޮށްލާފައި އާސިމް ބުނިހާ ކަމެއް ކޮށްގެން ހުންނަން އަހަރެން ގޮސްފާނަން. ކުރިކަމެއް ކުރެވުނީ އަހަންނަށް. އެހެންވީމަ އަހަރެންގެ ދަރިން މިކަމުގެ ތެރެއަށް ނުވައްދާ! އަހަރެންގެ ކާފަ ދަރިފުޅު ދޫކޮށްލަދީ!" މިއުވާން އަނެއްކާވެސް އާދޭސްކުރަންފެށިއެވެ.

"އަހަރެން މިއީ މިއުވާންހާ ހިތް ނުބައި މީހެއް ނޫން. ކޮންމެހެން އަހަރެންނަށް މަސައްކަތްކޮށްދޭން އަންނާނެކަމެއް ނެތް. އަދި މިއުވާންގެ ކާފަ ދަރިފުޅަށް އަހަރެން އެއްވެސް ގެއްލުމެއް ނުދެން. އަހަންނަށް އެނގޭ މިކަމުގަ އެކުއްޖާގެ އެއްވެސް ކުށެއް ނެތްކަން. އެކަމަކު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ މިއުވާންގެ ޢާއިލާއަކީ މިއުވާންގެ ބަލިފައިކަން." މިއުވާނާ ހަތަރުކަޅި ހަމަކޮށްލާފައި އާސިމް ބުންޏެވެ. އޭރު ރޯކޮށްފައި ހުރި އަލިފާންގަނޑުވެސް ހުރީ ނިވެން ކައިރިވެފައެވެ.

އެވަގުތު އާސިމް ކޮންމެވެސް މީހަކާ ގުޅުމަށްފަހު ނީޝަމް ގެނަސްދޭން އެދުނެވެ. އަދި މިއުވާން ކައިރީގައި ތިރިއަށް ދިއުމަށް ބުންޏެވެ. އެހެންކަމުން މިއުވާން އަވަހަށް އެނބުރިފައި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ހިނގުން މަޑުކޮށްލަން ޖެހުނީ އަނެއްކާވެސް އާސިމް ވާހަކަދައްކަން ފެށުމުންނެވެ.

"ހަނދާންކުރާތި! ޕޮލިހުންނަށް މީގެން އެއްވެސް ކަމެއް އެންގިޔަސް އަހަންނަށް ވާނެ ދެރައެއް ނޯންނާނެ. މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސްއަކީ އަހަރެންގެ ޅިޔަނެއް. އަދި ސަރުކާރުގެ އިސް މަޤާމުތަކުގައިވެސް އަހަރެންގެ ވަރަށް ގާތް ރައްޓެހިން ތިބޭނެ. ޕޮލިހުންނަށް އެންގިކަން އަހަންނަށް އެނގޭ ދުވަހަކީ އަހަރެން ދެން ޖަހާ ދަންތުރައިގެ ބާރު އިތުރަށް ގަދަވެގެންދާނެ ކަމެއް. އަހަރެން ބޭނުންވީ މިއުވާނަށްވުރެ ކާމިޔާބު މީހަކަށްވުން. އަދި އަހަންނަށް ދިން އަނިޔާގެ ބަދަލު ކޮންމެވެސް ސިފައެއްގައި ހިފުން. އެކަން އަހަންނަށް މިއަދު ކާމިޔާބުވެއްޖެ." އާސިމް ފަޚުރުވެރިވެލާފައި ބުންޏެވެ. އަދި ހުލިވަމުންދިޔަ އަލިފާންގަނޑާއި ދިމާއަށް ބަލާލިއެވެ.

މިއުވާން ތިރިއަށް ދިޔައިރު ނީޝަމް ކޮނޑަށް ލައިގެން ފިރިހެނަކު ހުއްޓެވެ. މިއުވާން އަވަހަށް ދުވެލާފައި ގޮސް އެކުއްޖާ އުރާލިއެވެ. އޭރު ނީޝަމްއަށް އޮތީ ނިދިފައެވެ. އާސިމްވެސް މިއުވާންގެ ފަހަތުން ފައިބައިގެންގޮސް އެ އިމާރާތާއި މާ ދުރު ނޫން ހިސާބެއްގައި އޮތް ޕްރައިވެޓް ކާރަކަށް އެރިއެވެ. މިއުވާނަށް އެތަނުން ގުޑިލަންވެސް ކެރުނީ އާސިމްގެ ކާރު ގޮސް ލޮލު ކޮޅަށް އޮބާލުމުންނެވެ.

ހަނގާކުރުމަކީ ބައެއް މީހުން މަޖަލަކަށް ހަދާފައިކުރާ ކަމެކެވެ. އެކަމުގެ ސަބަބުން އެކަން ރައްދުވާ ފަރާތަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ލިބިދާނެ ގެއްލުމަކަށް ގިނަ މީހުން ނުވިސްނައެވެ. މަޖަލަކަށްނަމަވެސް މީހަކާ ދިމާއަށް ހިތުގައި ޖެހޭ އެއްޗެއް ބުނުމަކީ އެކަން ރައްދުވާ މީހާއަށް އަސަރުތަކެއް ކޮށްފާނެކަމެކެވެ. އަދި އެކި މީހުންނަށް އަސަރުކުރާވަރުވެސް ތަފާތެވެ. އެހެންކަމުން ތިމާގެ ދުލުން ބޭރުކުރެވޭ ބަސްތަކާމެދު ސަމާލުވުމަކީ ވަރަށް މުހިންމުކަމެކެވެ. މިއުވާންމެންވެސް އާސިމްއާ ދިމާކުރީ މަޖަލަކަށް ހަދައިގެންނެވެ. އެކަމުގެ ސަބަބުން އާސިމްގެ ފުރާނައަށް ނުރައްކާވާނެ ދަރަޖައަށް އަސަރުކޮށްފާނެކަމަކަށް މިއުވާންމެންނަށް އަންދާޒާވެސްކޮށްލެވިފައެއް ނުވެއެވެ. މިއުވާންމެންނަށް ނުވިސްނާ ކުރެވުނު ކަމެއްގެ ސަބަބުން އާސިމްގެ ހިތް ހިލަޔަށް ބަދަލުވެގެންދިޔައެވެ. އަދި ބަދަލު ހިފުމުގެ ރޫޙު ހިތުގައި އަށަގަތެވެ. އޭގެ ސަބަބުން ގެއްލުން ލިބުނީ މިއުވާނަށް އެކަންޏެއް ނޫނެވެ. އޭނާގެ މުޅި ޢާއިލާއަށްވެސްމެއެވެ.

(ނިމުނީ)

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ