ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ވިޒިޓް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ވިޒިޓް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފިއެވެ.

މިމަހު 13 ން 24 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ހެޑްކްއޯޓަރޒް، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނައީ އެވެ.

މިރަސްމިއްޔާތުގައި މިސް ކެއިކޯ ޔަނައީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމްއެންޑީއެފް ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ދެ ހަފުތާގެ މުއްދަތަށް ހިންގި މި ޕްރޮގްރާމަކީ ކޯސްޓްގާޑުގެ ސިފައިން މެރިޓައިމް ޑޮމެއިންގެ ތެރޭގައި ހިނގާ ކްރައިމްތައް ހޯދުމާއި ދެނެގަތުމާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި ކޯހެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ޕްރޮގްރާމަކީ އެމްއެންޑީއެފާއި ޔޫއެންއޯޑީސީ ގުޅިގެން ހިންގާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ހިންގުނު ފުރަތަމަ ތަމްރީންކަމަށާއި މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ޔޫއެންއޯޑީސީގެ ތަޖުރިބާކާރު މުދައްރިބުންކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވެހިކަލްފަދަ ތަކެތީގެ އިތުރުން ތަމްރީނުގެ ފުރުޞަތުތައް ދިނުމުގައި ޖަޕާން ސަރުކާރުގެ އެހީތެރިކަން އަންނަނީ ފުޅާ ދާއިރާއެއްގައި ލިބެމުން ކަމުގައި އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ބޭނުންވާ ގިނަ އާލާތްތަކެއް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވަނީ އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފައި ކަމަށް އެމްއެންޑީއެފް އިން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޔޫއެންއޯޑީސީގެ އިސްވެރިންނާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޕްރޮގްރާމުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ