އަދިވެސް ގްރީން ޒޯނަކަށް ނުދޭ، ފިޔަވަޅުތައް ނަގާކަށް ރައްކާތެރިއެއްނޫން- ޑރ.ޝީނާ

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަގުތަށް މަދުވެފައިވީނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު އަދިވެސް ގްރީން ޒޯނަށް ނުދާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އެއްކޮށްއުވާލުން ރައްކާތެރިނޫންކަމަށް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ރާއްޖެއިން ޕޮޒިޓިިވްވާ މީހުންގެ އަދަދުތައް ދަަށްވިޔަސް އިންޑިކޭޓަރުތަކުން ދައްކާ ގޮތުން އަދިވެސް ގްރީން ޒޯނަކަށް ނުދާ ކަމަށެވެ.

އެހެންކަމުން، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނެގުން އަދިވެސް ރައްކާތެރި ނޫން ކަމަށާއި ގްރީން ޒޯނަކާއި ހިސާބަށް ދިއުމުން ވެސް ގާތްގަނޑަކަށް ދެތިން ހަފުތާ ވަންދެން އެ ފިޔަވަޅުތަކުގައި އުޅެން ޖެހޭ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޯވިޑްގެ ތެރޭގައި އަމަލުތައް މިބަހައްޓާ ގޮތާއި ނިއުނޯމަލްގައި މި ދަސްވި އާދަކާދަތަކާއެކު އަދި އެބަޖެހޭ ދުވަސްކޮޅަކަށް ހިފަހައްޓާލަން، ވެކްސިންއެއް ލިބެންދެން. އެއީ ކުރިއަށް އެންމެ ބޮޑަށް ވިސްނާލަންވީކަމަކީ. ޕޮއިންޓަކީ އަދި ސޭފެއް ނޫނޭ، ނަބަރުތައް މަދުވަނީއޭ، ޔޭސް އެއީ ރަނގަޅު ނިޝާނެއް. އެކަމަކު އަދި ރަނގަޅަށް ކޮންޓްރޯލްވަންދެން އެޗްޕީއޭގެ އުސޫލުތަކާއެއްގޮތަށް އުޅެލަން އެބަޖެހޭ" ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ބަލިޖެހޭ މީހުންގެ ނިސްބަތް ގްރީން ޒޯނަށްދާ ހިސާބުން ފިޔަވަޅުތައް އުވާލައިފިނަމަ ބަލިފެތުރެންފަށާނެކަމަށެވެ. އެހެން ނަމަވެސް ގްރީން ޒޯނުގައި ވައިރަސްގެ ދެ އިންކިއުބޭޝަން ޕީރިއަޑް ނިމުމުން ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅޭގޮތުން އެޗްޕީއޭއިން ވިސްނާނެކަމަށެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދުވަސްކޮޅަކު އެންމެން ވެސް ތިބެން ޖެހެ އެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލިޔަސް އެންމެކުރިން އުޅުނު ގޮތަކަށް ނޫޅެވޭނެ ކަމަށާއި މިހާރުގެ އާދަކާދަތައް ހިފަހައްޓާލަން އޭނާ އެދިވަޑައިގަތެވެ.

ބަލި ފެތުރުން ކޮންޓްރޯލްވި ކަމަށް ބެލެވޭނީ ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 20 އަށް ދަށްވުމުންކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމުގައި އާއްމުން ދެމިތިބުމުގެ މުހިންމުކަމަށް ޑރ.ޝީނާ ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ