އަމާޒަކީ ދައުލަތުގެ ރިޒާވް 1 ބިލިއަނަށް މަތިކުރުން - ރައީސް

ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމެންވާއިރަށް ދިވެހި ދައުލަތުގެ ރިޒާވް 1 ބިލިއަން ޑޮލަރަށް މަތިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، މިހާރުގެ އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު އަހަރު 7.6 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް އަދި އެވްރެޖް އިންފްލޭޝަން ރޭޓް 1.3 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ސަރުކާރުން އަމާޒު ހިފާފައިވަނީ އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، މި ވެރިކަމުގެ ދައުރު ނިމޭއިރު ދައުލަތުގެ ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް. މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އެކަން ހާސިލް ކުރެވޭނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 757.8 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 803.4 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިދިޔަ އަހަރު ނިމުނުއިރު ޜާއްޖޭގެ ޔޭޒެބަލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، އެއީ ގާތްގަނޑަކަށް 3 މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 308 މިލިއަން ޑޮލަރަށް އިތުރުވެފައި. ކަމަށާއި، އެއީ 2012 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު ކަމަށްވެސް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

"ނޫ އިޤްތިޞާދުގެ ތަސައްވުރަކީ އުމްރާނީ ތަރައްޤީއަށް ކުރާ ހޭދަ ކުޑަ ނުކޮށް މިހާރު ހިންގަމުންދާ މަޝްރޫއުތައް އަވަހަށް ނިންމައި، އުފެއްދުންތެރިކަން ކުރިއަށް ޖެއްސޭނެ އާ މަޝްރޫއުތަކަށްވެސް ޖާދަ ދިނުން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ