ކުޅުދުއްފުށި އަމީނީމަގު - ފޮޓޯ: ފެށުން

ކުޅުދުއްފުށިން ކުޑަކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ އަންހެން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން ފަސް އަހަރުގެ މި ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލްއިންނެވެ. މި ކުއްޖާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށްވެސް މިނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

"ކުޅުދުއްފުށީ އޮންލައިން"އިން ރިޕޯޓްކޮށްފައިވާ ގޮތުގައ،ި އެ ކުއްޖާއާއެކު ކުއްޖާގެ މަންމައާއި ދެ އަހަރުގެ ކުއްޖަކުވެސް ކަރަންޓީނުގައި ހުރި ނަމަވެސް އެ ދެ މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައިއެވެ.

ފަސް އަހަރުގެ މި އަންހެން ކުއްޖާ ޕޮޒިޓިވްވުމާއި ގުޅިގެން، އެ ކުއްޖާގެ އަދި ކުއްޖާގެ އާއިލާގެ ކަރަންޓީނު މުއްދަތު އިތުރުކޮށްފައިވާއިރު، އެޗްއީއޯސީއިން އަދި މިކަމާ ގުޅިގެން ބަހެއް ވިދާޅުވެފައެއް ނުވެއެވެ.

ކުޅުދުއްފުށީގައި ހޯމް ކަރަންޓީނު ފުރިހަމަކުރި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ފާޅު ބޯޓުގެ ކެޕްޓަން މި ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން، ކުޅުދުއްފުއްޓާއި އެއަތޮޅު ނޮޅިވަރަމް ވަނީ މިނިޓަރިންގެ ހާލަތަށް ގެެނެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

މިދަނޑިވަޅުގައި މާދަމާ ކޮޗިން ފެރީ ކުޅުދުއްފުއްޓަށް ބަނދަކުރުމަށް ހަމަޖެހިފައިވާއިރު، އެ އިވެންޓަށް އެރަށަށް ގޮސް ތިބި ބައެއް ފަރާތްތަކުން ރަށުތެރޭ ހަރަކާތްތެރިކޮށް އުޅޭތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ