ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބަރުދަނަށް ރަން ކިރާފައި ދިންނަމަވެސް ދިވެހި ދިދަ ވިއްކައެއް ނުލާނަން - މުއިއްޒު

ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބަރުދަނަށް ރަން ކިރާފައި ދިންނަމަވެސް ދިވެހި ދިދަ ވިއްކައެއް ނުލާނެކަމަށް ނިމިދަ ރައީސް އަބްދުﷲ ޔާމިން ސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މުއިއްޒު އިތުރަށް ވިދާޅުވީ މިއޮތީ ވަގުތު އައިސް ޖެހިފައިކަމަށާއި މި ގައުމުގެ މިނިވަންކަން ދަނީ އަތުލަމުން ކަމަށެވެ.

ރައީސް ޔާމީން މިގައުމަށް ގެނެސްދެއްވި ވަރުގެ ތަރައްގީއެއް ދުވަހަކު ގެނެސްދެއްވި ވެރިޔަކު މި ގައުމަށް އަދި ނާންނަކަމަށްވެސް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ރާއްޖޭގެ އުތުރުން ދެކުނަށް ތަރައްގީ ގެނެސްދެއްވީ ތަފާތުކުރުމެއް ނެތިކަމަށާއި ބޮޑުރަށެއް ކުޑަރަށެއްވެސް ތަފާތުކުރުމެއް ނެތިކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށް ވުރެ ގިނަ މުދާ ބަރުކޮށްގެން އައި ބޯޓު ހދ. ކުޅުދުއްފުށީގައި މިއަދު ހެނދުނު ވަނީ ބަނދަރުކޮށްފައެވެ. މިކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ އެ ފެރީގައި މިއަދު ގެނައީ ހައެއްކަ ކާރާއި ވެމްކޯ ބްރޭންޑް ގެ ސިމެންތި ކޮޅެއް ކަމަށެވެ. އަދި އެއީ އުތުރަށް ނުވަތަ ކުޅުދުއްފުއްޓަށް ކޮން ތަރައްގީއެއް ގެންނަ ކަމެއްތޯ މުއިއްޒުވަނީ ސުވާލު އުފައްދަވާފައެވެ. އަދި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާނެކަމެއް ނެތްކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ،

މުއިއްޒު މި މޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގޮސްދާނެކަމަށްބުނެ ބައެއް ސިޔާސީ ބޭފުޅުން ސޯޝަލް މީޑިއާގެ އިތުރުން ޕޯޑިއަމްތަކުގައި ސަރުކާރަށް ފާޑުވިދާޅުމަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މި ކާގޯ ފެރީ ވެގެންދާނީ އިންޑިއާ އަދި ރާއްޖޭގެ ދުވަސްވީ ގުޅުމަށް އިތުރު ފުރިހަމަކަމެއް ގެނުވާ އުތުރުގެ ތަރައްގީއަށް ހުޅުވިގެންދާ ދޮރަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ