ބައިބަލާގެ މަޝްހޫރު ގިނަ ތަރިންނާއެކު ކުޑަހެންވޭރު ޔުނައިޓެޑުން މިއަހަރުގެ ފިތުރު އީދު މުބާރާތަށް ފަރިތަކުރުންތައް ފަށައިފިއެވެ.
ކުޑަހެންވޭރުން މީޑިއާއަށް މަޢުލޫމާތުދީފައިވާގޮތުގައި މިއަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވުމަށް ސްޕޮންސަރުން ހޯދުމުގެ އިތުރަށް ކުޅުންތެރިން ހޯދާ، ކޮންޓްރެކްޓްގައި ސޮއިކުރުވުމުގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުގައި ކުޑަހެންވޭރުން ފަށާފައިވެއެވެ.
ރަމަޟާން މަހުގެ ދެވަނަ ހަފްތާގައި ފަރިތަކުރުންތައް ފަށާފައިވާ ކުޑަހެންވޭރުގެ އަމާޒަކީ ސީދާ ޗެމްޕިއަން ޓްރޮފީ ކަމަށް ވެސް އެޓީމުން މައުލޫމާތު ދެއެވެ.
ކުޑަހެންވޭރަކީ މިމުބާރާތަށް އާ ނަމެއްނޫނެވެ. 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބައިބަލާ މުބާރާތުގައި ކުޑަހެންވޭރު ޔުނައިޓެޑް އަންނަނީ ވާދަކުރަމުންނެވެ. އަދި މިއަހަރުގެ މުބާރާތަށް އެމީހުންގެ ޖުމްލަ ހަތަރު ޓީމު ނެރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ކުޑަހެންވޭރުން ބުންޏެވެ.
މީގެ ކުރީ މުބާރާތްތަކުގައި “މިސްޓަރ ބައިބަލާ” ގެ މަގާމް ހޯދާފައިވާ ގިނަ ކުޅުންތެރިންތަކެއް މިފަހަރު ކުޑަހެންވޭރުން ފެނިގެންދާނެކަމަށް ކުޑަހެންވޭރު ޔުނައިޓެޑްގެ ރައީސް އިބްރާހީމް އަލީފް ރައުފް ވިދާޅުވެފައިވެއެވެ.
ކުޑަހެންވޭރު ޔުނައިޓެޑް ވަނީ 2012 ވަނަ އަހަރު ބޭއްވި ދި ޓީވީ ބައިބަލާ ޗެލެންޖެގެ ޗެމްޕިއަންކަން ހޯދާ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން 2015 ވަނަ އަހަރު ބޭއްވި މުބާރާތުގެ ދެވަނަ ހޯދާފައެވެ.
މިދިޔައަހަރުގެ ސެމީއަށް ދަތުރުކޮށްފައިވާ ކުޑަހެންވޭރު ޔުނައިޓެޑް ސެމީގައި ބަލިވީ އެމުބާރާތުގެ ދެވަނައަށްދިޔަ އެމްސީ ސްޕޯޓްސް ކްލަބް އަތުންނެވެ.
ފިތުރު އީދުގެ ދެވަނަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް މިއަހަރުވެސް ކުރިއަށްދާނީ މެރީ ބްރައުން ފުރަގަހުގައި އޮންނަ ބައިބަލާ ކޯޓުގައެވެ.




