ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށަކުން އެހެން ރަށަކަށްދާނަމަ ކަރަންޓީންވާން ޖެހޭނެ

ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށަކުން މީހުން ދިރިއުޅޭ އެހެން ރަށަކަށް ދަތުރު ކުރާނަމަ އެ ދަތުރުކުރާ މީހަކު ހޯމް ކަރަންޓީން ވާންޖެހޭނެ ގޮތަށް ކަރަންޓީނުކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލްގައި ހިމަނައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ކަރަންޓީނުކުރުމާއި ކަރަންޓީނުކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލް ބަދަލުތަކާއެކު މިރޭ އާންމު ކޮށްފައިވާއިރު އެ އުސޫލުގެ ދަށުން ކަރަންޓީންވާން ޖެހޭނެ ދާއިރާ ތަކުގެ ގޮތުގައި ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށަކުން އެހެން ރަށަކަށް ދާ މީހުން ކަރަންޓީންވުން ހިމަނައިފައި ވެއެވެ.

މީގެއިތުރުން ދެން ހިމަނައިފައިވާ ދާއިރާ ތަކަކީ، ރާއްޖެއިން ބޭރުން އަންނަ މީހުން، މާލެއިން ރައްރަށަށް ދާމީހުން، މާލެއިން ރިސޯޓަށް މަސައްކަތުގައި ދާމީހުން، ރިސޯޓުން ރައްރަށަށް ދާމީހުން، އަދި މާލެއިން/ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން އިންޑަސްޓްރިއަލް ރަށަކަށް އަދި އިންޑަސްޓްރިއަލް ރަށަކުން އެހެން ރަށަކަށް ދާމީހުން ހިމެނެއެވެ.

ކަރަންޓީން ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލުގައި ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށަކުން މީހުން ދިރިއުޅޭ އެހެން ރަށަކަށް ދަތުރު ކުރާނަމަ އެ ދަތުރުކުރާ މީހަކު ހޯމް ކަރަންޓީން ވާންޖެހޭނެ ގޮތަށް ހިމަނައިފައި މިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދިނުމަށް ސަރުކާރުގެ ފަރާތުން ނިންމައިފައިވަނިކޮށެވެ.

ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އަދި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ވެކްސިނެއް އުފެއްދިފައި ނުވާއިރު މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް މުޅި ދުނިޔޭގައިވެސް އަމަލުކުރާ "ބެސްޓް ޕުރެކްޓިސް" އަކީ ބަލި އުޅެދާނެ ކަމަށް ބެލެވޭ ރަށަކުން އަންނަ ފަރާތްތައް ކަރަންޓީން ކުރުމެވެ. މިގޮތައް ކަރަންޓީން ކުރާ ފަރާތްތައް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ