ރޭމްގެ ހިންގާ ކޮމިޓީގެ 13 މަޤާމަށް 15 ފަރާތަކުން ކުރިމަތިލައިފި

އެކެއް އޮކްޓޫބަރުގައި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ އިންތިޚާބީ ޖަލްސާ ބާއްވަން ހަމަޖައްސާފައިވާއިރު، ރޭމްގެ ހިންގާ ކޮމިޓީގެ 13 މަޤާމަށް 15 ފަރާތަކުން ކުރިމަތިލާފައި ވާކަމަށް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

ރޭމްގެ ހިންގާ ކޮމިޓީގެ މަޤާމުތަކުގައި ހިމެނެނީ ، ރައީސް ކަމުގެ މަޤާމާއި ފުރަތަމަ ނާއިބު ރައީސް ކަމުގެ މަޤާމާއި ދެވަނަ ނާއިބު ރައީސްކަމުގެ މަޤާމާއި ޖެނެރަލް ސެކްރެޓަރީ ކަމުގެ މަޤާމާއި ޓްރެޜަރަރ ގެ މަޤާމާއި އިތުރު މެމްބަރުން (ހިންގާކޮމިޓީގެ އިތުރު މެމްބަރުން) ގެ 8 ގޮނޑިއާ އެކު ޖުމްލަ 13 މަޤާމެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަނޑި 25 ސެޕްޓެމްބަރ އަށް ހަމަވީ އިރު ހިންގާ ކޮމިޓީގެ 13 މަޤާމަށް 15 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ރައީސްކަމަށް ކުރިމަތިލާފައިވަނީ ދޮންމަނިކު ސްކައިވިއު އިން އަލްފާޟިލް ހާމިދު އަފީފު އާއި ކެފޭ ރިޓްރީޓް އިން އަލްފާޟިލް ހުސައިން އިސްމާއީލް އެވެ. ފުރަތަަމަ ނާއިބު ރައީސްގެ މަޤާމަށް ކުރިމަތިލާފައިވަނީ ތަޒްކީ ރޫފްޓޮޕް އިން އަލްފާޟިލް މުހައްމަދު މިރުސާދުއެވެ. ދެވަނަ ނާއިބު ރައީސްއަށް ކުރިމަތިލާފައިވަނީ ޑެލީސް ކޭޓަރިންގ އިން މުހައްމަދު ޝުޖާއު އެވެ.

ޓްރެޝަރަރ ގެ މަޤާމަށް ކުރިމަތިލާފައިވަނީ ދޮންމަނިކު ތައި އިން އަލްފާޟިލް އަހުމަދު ރަޝީދުއެވެ. ޖެނެރަލް ސެކްރެޓަރީކަމަށް ކުރިމަތިލާފައިވަނީ ތާޖް ފުޑް ގެ ފަރާތުން އަލްފާޟިލާ މަރްޔަމް ޝުހާނާއެވެ. ހިންގާ ކޮމިޓީގެ އިތުރު 8 މެމްބަރުންގެ މަޤާމަށް ކުރިމަތިލާފައިވަނީ ސަނީ ޓްރީޓް ކެފޭއިން އަލްފާޟިލް އިބްރާހީމް މޫސާއާއި ހަޓް ކުޒީން އިން އަލްފާޟިލް އަހުމަދު ނަސީމްއާއި ކިކްސް އިން އަލްފާޟިލް ހަސަން އަލި މަނިކު އާއި ޝަބްލޫޝް އިން އަލްފާޟިލް ނުޒައިރު އަލީ އާއި ފުޑްބޭންކް އިން އަލްފާޟިލް މުހައްމަދު ޝަރީފް އާއި ޖުވެއިޒް ކިޗަން އިން އަލްފާޟިލާ ޖުވައިރިޔާ ވަޖްދީއާއި ސިޓްރަން އިން އަލްފާޟިލް އަތީފް ހުސައިން އަޙުމްދު އާއި ލެ ސޫކް އިން އަލްފާޟިލް އަޙުމަދު ޝާމިން އާއި ސަލްސާ އިން އަލްފާޟިލް އިބްރާހީމް އާމިރު އެވެ.

ރޭމް އިން އިތުރަށް ވިދާޅުވީ، ރޭމްގެ މަޤާމްތަކަށް ވާދަކުރާ މެމްބަރުންގެ މެދުގައި ކެންޑިޓޭޓް ނަމްބަރު ހޮވައި ކެމްޕޭން ކުރަންފެށިއްޖެ ކަމަށެވެ. އިންތިޚާބީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތް ސެންޓަރ ގައެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބިފައިވަނީ 25 ސެޕްޓެމްބަރ 2020 ގެ 16:00 އާ ހަމައަށް މެމްބަރޝިޕް ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށެވެ.

މިއެސޯސިއޭޝަނުގެ މެމްބަރުކަން، ރެޖިސްޓްރީ ކޮށްފައިވާ މިސިނާޢަތާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައި ވެއެވެ. ރޭމް އިން ވިދާޅުވީ، އެ އެސޯސިއޭޝަންގެ މަގުސަދު ތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ރެސްޓޯރެންޓް، ކެފޭ، ހޮޓާ ފަދަތަންތަނުގެ ވިޔަފާރިއާއި، ސިނާޢަތު ކުރިއަރުވާ ތަރައްޤީ ކުރުމާއި އެފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމާއި، މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ހޭލުންތެރިކަން އިތުރު ކުރުމާއި މިދާއިރާގައި މީހުން ބިނާކުރުމާއި މި ސިނާޢަތާ ގުޅުންހުރި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ކުންފުނިތަކާ ގުޅުން ބަދަހިކޮށް މިދާއިރާ ފުޅާކުރުން ހިމެނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ