މަޖިލިސް ރައީސަކު ހޮވުމަށް ކުރެވުނު ފޯރިގަދަ ކެމްޕޭނުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްއާއި ރައީސް ނަޝީދުއާ އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އެއްވެސް މިންވަރަކަށް ހީނަރުނުވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު ގެންނަވަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ އިއްތިފާޤުން ފާސްކުރެއްވުމާ ގުޅިގެން މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، މަޖިލިސް ރައީސް ހޮވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ. އެ ކެމްޕޭނުގައި ރައީސް ނަޝީދު ތާއީދުކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއަށެވެ. ނަމަވެސް ރައީސް ޞޯލިޙް ތާއީދުކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ހުރިހާ ކަމެއްގައި އަދި ކޮންމެ ދުވަހަކުވެސް ރައީސް ޞޯލިޙްއާ މަޝްވަރާކުރައްވާ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ހުރިހާ ކަމެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްއާ މަޝްވަރާކޮށް ބަހުސްކޮށް ވާހަކަ ދައްކަމުން އަޅުގަނޑު އަންނަނީ. އެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ ނުދޭ އަޅުގަނޑުމެން މަޝްވަރާ ނުކުރާ." ޕީޖީ ޕްގޫޕްގެ ހުށަހެޅުން ޤަބޫލުފުޅު ކުރެއްވުމުގެ ކުރިން ފޯނު ކުރެއްވީ ރައީސް ޞޯލިޙަށްތޯ ނޫސްވެރިޔަކު އެއްސެވުމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ދެބޭފުޅުންނަކީ ޒަމާނުންސުރެ އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި، ދެބޭފުޅުންގެ ދެމެދުގައި އޮތް އެކުވެރިކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.
"ކުޑަކޮށްވެސް އަޅުގަނޑުމެންގެ އެކުވެރިކަމަކަށް، ރަޙްމަތްތެރިކަމަކަށް ބުރުލެއް ނާރާ، ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިޔާ ނާރާނެ. އަޅުގަނޑުމެން ދެމީހުންނަކީ ވަރަށް ގިނައިން އެކުގައި މަސައްކަތް ކޮށްފައިވާ ދެމީހުން. އަޅުގަނޑުމެންނަކަށް އެއްވެސް ހާލެއްގައި އެއްވެސް ހުއްޓުމެއްވެސް ނާންނާނެ." ނަޝީދު ވިދާޅުވިއެވެ.
އެ ކެމްޕޭނުގައި ދެބޭފުޅުންގެ ސަޕޯޓަރުންނާއި، ގާޓްތިމާގެ ބޭފުޅުންވެސް ހޫނު ރައްދު ދެއްވައި ޓްވިޓަރަގައި ބަހުސްކުރައްވާފައިވެއެވެ. އަދި އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ސަރުކާރަށް މަޤާމުގެ ނުފޫޒު ނަމަހަގޮތުގައި ބޭނުންކުރުމާއި ކޮރަޕްޝަނުގެ ތުހުމަތުވެސް ކުރައްވާފައިވެއެވެ.