ފޮޓޯ: އަބްދުﷲ ނާއިސް/ފެށުން

ކޮވިޑް-19: ނޮޅިވަރަމާއި ކުޅުދުއްފުށިން ނެގި 17 ސާމްޕަލްވެސް ނެގެޓިވް

ހދ. ނޮޅިވަރަމާއި ހދ. ކުޅުދުއްފުށިން ނެގި އިތުރު 17 ސާމްޕަލްވެސް ނެގެޓިވް ވެއްޖެއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ދާވޫދު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާާޅުވީ ފާޅު ބޯޓު ކޭސްއާއި ގުޅިގެން ކުޅުދުއްފުށިން ރޭ ނެގި ޑައިރެކްޓް ކޮންޓެކްޓްސްގެ 16 ސާމްޕަލް ނެގެޓިވް ވެފައިވާކަމާއި ނޮޅިވަރަމުން ނެގި 1 ސާމްޕަލްވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން މި ކޭސްއާއި ގުޅިގެން މިހާތަނަށް 29 ސާމްޕަލްއެއް ޓެސްޓް ކުރެވިފައިވާ ކަމަށާއި އަދި ކުޅުދުއްފުށިން 51 މީހަކު އެކަހެރި ކުރެވިފައިވާ ކަމަށް އަހުމަދު ދާވޫދު ވިދާޅުވިއެވެ. އަދި ނޮޅިވަރަމުން 6 މީހަކު އެކަހެރި ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ކުޅުދުއްފުށިން ޕޮޒިޓިވްވި މީހަކީ ފާޅު ބޯޓުން ޕޮޒީޓިވްވި ފަޅުވެރިޔާގެ ކޭސްއާއި ގުޅުންހުރި މީހެކެވެ. މިއާއެކު ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ ފަހަކަށް އަރާފައެވެ.

ހުކުރުދުވަހު މާލެއިން ކުޅުދުއްފުއްޓަށް އައި ފާޅުބޯޓުން ބަލީގެ އަލާމަތްތައް ހުރެގެން ފުރަތަމަ ޓެސްޓްކުރީ އެ ބޯޓްގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވްވުމާއެކު ބޯޓްގެ ހުރިހާ ފަޅުވެރިން އެކަހެރިކޮށް ސާމްޕަލް ނަގައި ޓެސްޓްކުރިއިރު އިތުރު ދެ ފަޅުވެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ.

ކޮވިޑް އާއި ގުޅިގެން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ލާފައިިވުމުން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކަށް ރަށަށް އެރުންވެސްވަނީ މަނާކޮށްފައެވެ.

މި ބޯޓް ނޮޅިވަރަމަށްވެސް ގޮސްފައިވާތީ އެރަށްވެސް އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފައި އެވެ. އެގޮތުން އެރަށުގައި ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 6 މީހަކު ވަނީ އެކަހެރިކޮށްފައިއެވެ.

ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ކުޅުދުއްފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކުޅުދުއްފުށިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މިކޭސްތަކުގެ އިތުރުން ކުޅުދުއްފުށީ ހޯމް ކަރަންޓީނުގައި ހުރި ކުޑަ އަންހެން ކުއްޖަކުވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން ފަސް އަހަރުގެ މި ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލްއިންނެވެ. މި ކުއްޖާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށްވެސް މިނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ