"އެވާޓާ 2" ގެ މަސައްކަތް އެއްކޮށް ނިއްމާލައިފި!

2009 ވަނަ އަހަރު ނުކުތް ދުނިޔޭގެ ބްލޮކްބަސްޓާ ފިލްމް “އެވޭޓާ” ގެ ދެވަނަ ބައިގެ 100 އިންސައްތަ ނިމިފައިވާކަމަށް، ފިލްމްގެ ޑައިރެކްޓަރ ޖޭމްސް ކެމެރޫން ހާމަކޮށްފިއެވެ.

"އެވޭޓާ" ފިލްމްގެ ހަތަރު ސީކިއަލް އެއް ގެނެސްދޭނެކަން، ފިލްމް ޑައިރެކްޓަރު ޖޭމްސް ކެމެރޫން އިއުލާންކުރި ހިސާބުން ފެށިގެން މި ފިލްމްތަކަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ. އެގޮތުން ވަރަށް ފަހަކާ ޖެހެންދެންވެސް އެވެޓާ 2 އުފެއްދުމުގެ މަސައްކަތް ކުރެވެމުން ދިޔައިރު، ފިލްމްގެ މަސައްކަތް ހުއްޓާލާފައިވަނީ، ކޮވިޑް-19 ގެ ލޮކްޑައުން އާއެކުއެވެ.

އެގޮތުން، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މި ފިލްމް ރިލީޒްކުރާ ތާރީޙްވެސް ވަނީ އަށް ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. ނަމަވެސް އެންމެފަހުން މި ފިލްމްގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމުގެ އުފާވެރި ޙަބަރު ބެލުންތެރިންނަށް ދިނީ، ޖޭމްސް މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި، މި ފިލްމްގެ 3 ވަނަ ސީކުއަލްގެ މަސައްކަތްތަކުގެ ވާހަކަވެސް ދައްކާފައިވެއެވެ. މި ފިލްމްގެ 4 ސީކުއަލްއެއް ގެނެސްދޭނެކަން އިއުލާންކޮށްފައިވާއިރު، މި ހަތަރު ފިލްމްގެ ޕްރޮޑަކްޝަން މަސައްކަތްވެސް ނިއުޒިލެންޑުގައި މީގެކުރިން ކުރެވެމުން ދިޔައީ އެކުއެކީގައެވެ. ނަމަވެސް  މަސައްކަތް ހުއްޓާލާފައިވަނީ، ކޮވިޑް-19 ގެ ލޮކްޑައުން އާއެކުއެވެ.

ޖޭމް މި އިންޓަވިއުގައި ބުނީ، ކޮވިޑް-19 ގެ ލޮކްޑައުންއާއި ގުޅިގެން ހަތަރު މަހަށްވުރެ ގިނަ ދުވަސް ބޭކާރު ވެގެން ދިޔަކަމަށެވެ. އަދި ފިލްމްގެ ކުރޫގެ ބުރަ މަސައްކަތަށް ތައުރީފުކޮށް، ޖޭމްސް ބުނީ މި ފިލްމްގެ ޕްރޮޑަކްޝަންގެ މަސައްކަތް ނިއުޒިލެންޑުގައި ފެށުމަށް މީގެ އަހަރުތަކެއް ކުރިން އިހްތިޔާރުކުރެވުމަކީ ހަމަ ނަސީބުކަމަށެވެ. ސަބަބަކީ، ނިއުޒިލެންޑަކީ، ކޮވިޑް-19 އެންމެ އަވަހަށް ކޮންޓްރޯލުކުރި އެއް ޤައުމުކަމަށް ވުމެވެ.

އެވޭޓާ 2 ގެ މަންޒަރެއް ކެމެރާގެ ފުރަގަހުން

“އެވޭޓާ”ގެ ދެވަނަ ބައިގައި ހިނގާ ކަންތައްތައް ނުވަތަ މަންޒަރުތައް ބޮޑަށް ފެނިގެންދާނީ އެވޭޓާގެ ދުނިޔެ ކަމުގައިވާ “ޕެންޑޯރާ” ގެ ކަނޑު އަޑިންނެވެ. އަދި އެވޭޓާ ގެ ދެވަނަ ބައިގައި ދައްކުވައިދޭނީ، ފުރަތަމަ ފިލްމުގެ ހިންގި ކަންތައްތަކަށްފަހު އޭގެ ބާރަ އަހަރުން ފަހެެވެ.

"އެވޭޓާ 2" ގައި ފެނިގެންދާނީ ފުރަތަމަ ބައިންވެސް ފެނިގެން ދިޔަ ތިން ތަރިންކަމުގައިވާ، ޒޯއީ، ސޭމް އަދި ކްލިފްގެ އިތުރުން ކޭޓް ވިންސްލެޓްއެވެ.

އަންނަ އަހަރު ރިލިޒްކުރުމަށް ހަމަޖެހުނު މި ފިލްމް ރިލީޒްކުރާ ތާރީޙް އަށް ފަހަރަށް ފަސް ކުރުމަށްފަހު، މި ފިލްމް ދެން ރިލީޒްކުރާނީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު 16ގައެވެ. އަދި އެވޭޓާގެ 3 ވަނަ ބައި ރިލީޒްކުރަން ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 20 ގައެވެ.

އެވޭޓާ 2

މީގެ އިތުރުން، މި ފިލްމްގެ އިތުރު ދެ ސީކުއަލްއެއްވެސް، 2026 އަދި 2028 ވަނަ އަހަރުގައި ގެނެސްދޭން ނިއްމާފައިވީނަމަވެސް، ޑައިރެކްޓަރ ޖޭމްސް ފާހަގަކުރި ގޮތުގައި، މި ދެ ސީކުއަލް އުފެއްދާނީ، "އެވާޓާ 2" އަދި "އެވޭޓާ 3" ކާމިޔުބާވެ ބޮޑު އާމްދަނީއެއް ލިބިއްޖެނަމައެވެ.

ދާދިފަހަކާއި ޖެހެންދެން ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމްގެ ރިކޯޑުގައި “އެވޭޓާ” އޮތްއިރު، މި ރިކޯޑު މުގުރާލީ މިދިޔަ އަހަރު ނުކުތް “އެވެންޖާސް” އެންޑް ގޭމް” އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ