ފުލެޓް އަދި ހައުސިން ޔުނިޓްތަކުގެ ކުލި ފަސްކޮށްދިން މުއްދަތު އިތުރުކޮށްދީފި

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެއާއި ހުޅުމާލެ އަދި އަތޮޅު ތެރެއިން ދޫކޮށްފައިވާ ފުލެޓު އަދި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި، ކޮވިޑް 19 އާއި ގުޅިގެން ފަންކޮށްދިން މުއްދަތު ސަރުކާރުން އިތުރުކޮށްދީފިއެވެ.

ކޮވިޑްއާއި ގުޅިގެން ސަރުކާރުން ވަނީ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ފުލެޓް އަދި ހައުސިން ޔުނީޓްތަކުގެ ކުލި ދެއްކުން 06 މަސް ދުވަހުގެ މުއްދަތަށް ފަސްކޮށްދީފައެވެ. މި މުއްދަތު 2020 އޮގަސްޓް 31 އަށް ހަމަވާއިރު، ހައުސިން މިނިސްޓްރީން ވިދާޅުވެފައި ވަނީ ވަރަށް ގިނަ ފަރާތްތަކަކުން ކުލި ދެއްކުމުގެ މުއްދަތު އިތުރު ކޮށްދެއްވުމަށް އެދެމުންދާކަމަށެވެ.

އެހެން ކަމުން ކުލި ދެއްކުމުގެ މުއްދަތު ސެޕްޓެމްބަރު 2020 އިން ނޮވެމްބަރު 2020 ނިޔަލަށް 03 މަހަށް ފަސްކުރުމަށް ނިންމާފައިވާކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކުލި ދެއްކުން އިތުރަށް ފަސްކޮށްދީފައި ވަނީ މި މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭ ގޮތަށާއި އަދި މި މުއްދަތުގެ ތެރޭގައި މެއިންޓެނެންސް ފީ ދައްކަންޖެހޭ ގޮތަށެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވެފައި ވަނީ ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިން އައިޑީކާޑުގެ ކޮޕީއާއި މި މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް މި މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދޭކަމަށެވެ.

ކޮވިޑް-19 އައި ގުޅިގެން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށް ގިނަބައެއްގެ ދިރިއުޅުމުގެ ހާލަތު ވަނީ ދަށްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ