ކޮވިޑް-19: ތިން މީހަކަށް އައިސީޔޫގައި ފަރުވާދޭއިރު، އެކަކު ވެންޓިލޭޓަރުގައި!

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިވަގުތު 3 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު އެޑްމިޓް ކޮށްގެން 3 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އެކަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.

އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫގައި ކަމަށާއި އަދި އެތަނުން އެކަކު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެކަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 2 މީހަކަށް، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 71 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 10157 އަށް އަރާފައިވާއިރު، މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1166 މީހެކެވެ. އަދި މިބަލިން 8950 މީހަކު ވަނީ ރަނގަޅުވެފައެވެ.އަދި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 34 މީހަކު ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ