ޖަޕާނުގައި މިއަދު ހެނދުނު ހިނގި ވަޅި ހެރުމުގެ ހާދިސާއެއްގައި، ގުރޭޑް އެކެއްގައި ތައުލީމް ހާސިލްކުރަމުންދާ ކުދިން ތަކެއް ޒަހަމްވެ އެއްކުއްޖަކު މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ޖަޕާނުގެ ކަވަސާކީ ބަސް ސުޓޮޕެއް ކައިރީގައެވެ. މަންޒަރުދުށް ފަރާތަކާއި ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ، މިމީހާ ދެވަޅި ހިފައިގެން ބަސް ސުޓޮޕް ކައިރިއަށް އައިސް ހަމަލާދޭން ފަށާފައި ވާކަމަށެވެ. އަދި އެވަގުތު އެތަނުގައި ގިނައިން ތިބީ ގުރޭޑް އެކެއްގައި ތައުލީމް ހާސިލް ކުރަމުންދާ އުމުރުން ގާތްގަނޑަކަށް 7 އަހަރާއި 8 އަހަރާއި ދެމެދުގެ ކިޔަވާ ކުދިން ކަމަށެވެ.
ހަމަލާ ދީފައިވަނީ އުމުރުން 40 ހާއި 50 އަހަރާއި ދެމެދުގެ މީހެއްކަމަށް ޖަޕާން ފުލުހުން މައުލޫމާތު ދެއެވެ. މި ހަމަލާ އަށްފަހު މިމީހާ އަމިއްލަ ހަށިގަނޑަށް ވަޅިން ހަމަލާދީވަނީ މަރުވެފައެވެ.
މިހާދިސާގައި ޒަހަމްވި ފަރާތްތަކަށް ދަނީ ކައިރި ހޮސްޕިޓަލް ތަކުން ފަރުވާ ދެމުންނެވެ.
ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ކުށުގެ ރިކޯޑު އެންމެ ދަށް ގައުމަކީ ޖަޕާނެވެ. މިއަދު ދެވުނު މި ހަމަލާގެ މަގުސަދަކީ ކޮބައިކަން އަދި އެގައުމުގެ ފުލުހުންނަށް ދެނެގަނެވިފައެއް ނުވެއެވެ.